30 May 2016, 08:47
ދުނިޔޭގެ އެންމެ ބޮޑު އާބާދީ، 1.3 ބިލިއަން މީހުން ދިރިއުޅޭ ޗައިނާގައި ދަރިން ހޯދުމުގައި ހަރުކަށި އުސޫލުތަކަށް ތަބާވާންޖެހެ އެވެ. ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ޗައިނާގެ ރައްޔިތުންނަށް ވަނީ މަޖުބޫރީ އުސޫލުތަކަށް ތަބާވާން ލާޒިމްކޮށްފަ އެވެ. ދެމަފިރިއަކަށް ގިނަވެގެން ހޯދޭނީ ދެ ކުދިންނެވެ. އެ ސަބަބާހުރެ އާއިލާއެއްގައި ތިބޭ ކުޑަކުދިންނަކީ ވަރަށް މުހިންމު ބައެކެވެ. ރައްކާތެރިކަމާއެކު ބަލަންޖެހޭ ބައެކެވެ. އެ ކުދިންނަށް އިހްމާލުވުމަކީ އަނިޔާއެކެވެ.
އެފަދަ ހަރުކަށި އުސޫލެއް ގެންގުޅޭ ޗައިނާގައި ކުޑަަކުދިން ހާލުގައި އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފަ އެވެ. ތައުލީމު އުނގެނުމަށްޓަކާ ކުޑަކުދިންތަކެއް ގުރުބާނީތަކެއްވާ މަންޒަރު ވަނީ ދުނިޔެއަށް އާންމުވެފަ އެވެ. މުޅި ދުނިޔެއަށް ހުޅުވާލާފައިވާ ފޭސްބުކާއި ޓްވީޓާފަދަ ޝޯޝަލް މީޑިއާގެ ވަސީލަތްތައް އެ ގައުމުގައި ބޭނުމެއް ނުކުރެވުނަސް މިފަހަރު އެ ގައުމުގެ މައްޗަށް ސޯޝަލް މީޑިއާ ކުރި ހޯދާފި އެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ސިޗުއާން ޕްރޮވިންސްގެ ދަރިވަރުންތަކެއް ސްކޫލަށް ދިއުމަށްޓަކާ ފަރުބަދައެއްގައި އޮނުން ހަދާފައިވާ ހަރުގަނޑަކުން 800 މީޓަރު މައްޗަށް އަރާ މަންޒަރެވެ. ބަރު ފޮތްދަބަހާއެކު ހަރުގަނޑަން އެ ކުދިން އެރުމަކީ އާ ކަމެއް ނޫނެވެ. ޅަ އުމުރުން ފެށިގެން އެކަމުގައި އުޅެއުޅެ އެ ކުދިންގެ ދިރިއުޅުން ވަނީ އެކަމަށް ހޭނިފަ އެެވެ. ބިރުވެރިކަން ބޮޑު، ބުރަ އެ މަސައްކަތަކާއެކީގައި ވެސް ކުދިންނަށް މަސައްކަތް ކުރަނީ ތައުލީމީ ހަޔާތް ފުރިހަމަ ކުރާށެވެ. ސްކޫލަށް ދިއުމަށްޓަކާ ފަރުބަދައެއްގެ އުހަން އަރާކަން އެ ކުދިން ޖެހިލުމެއް ނުވެ އެވެ.
ސިޗުއާން ޕްރޮވިންސުގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ދިރިއުޅެނީ ފަރުބަދަމަތީގަ އެވެ.
ޗައިނާގައި ކުޑަކުދިންތަކެއް އުޅޭ ހާލު ފެނިިިިިިިިިިިިފައި ފާޑުކިޔުން ބޮޑުވެ، އެންމެފަހުން އެ ކުދިންނަށް ވަނީ "ފަހި" މަގެއް ތަނަވަސްވެފަ އެވެ. އެ ކުދިންނަށާއި އެ އަވަށުގެ އެހެން ރައްޔިތުންނަށް ސަލާމަތް ކަމާއެކު ފަރުބަދަ މަތީގައިވާ އަވަށަށް އެރޭނެ ގޮތް ހަދާ ދިނުމަށް ސަގަނޑު ސިޑިއެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

ސްކޫލަށް ދިޔުމަށްޓަކައި އަތުލާ އަވަށުގެ ކުދިން އޮނުން ހަދާފައިވާ ހަރުގަނޑުން އަރަނީ -- ފޮޓޯ: އޭޕީ
އެ އަވަށުގައި ދިރިއުޅޭ ކުދިން ހާލަތު ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ސިޗުއާން ޕްރޮވިންސުގެ ސަރުކާރަށް ނިސްބަތްވާ 15 އޮފިޝަލުން ވަނީ އެ ސަރަހައްދުގެ ހާލަތު ބަލާލުމަށް ޒިޔާރަތް ކޮށްފަ އެވެ. އަދި އޮފިޝަލުން ދަނީ ވަގުތީ ހައްލެއްގެ ގޮތުގައި ދަގަނޑުން ހަދާފައިވާ ސިޑިބަރިއެއް ބިނާ ކުރުމަށް ފަހު، ދާއިމީ ހައްލެއްގެ ގޮތުގައި ދެ އަވަށުގެ މެދުގައި މަގެއް ބިނާ ކުރުމަށް ރާވަމުން ކަމަށް ގްލޯބަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވެ އެވެ.
ފަރުބަދައިގެ މަތީގަ އާއި ތިރީގައި ދިރިއުޅެނީ ސިޗުއާން ޕްރޮވިންސުގެ މައިނޯރިޓީ ގްރޫޕެއް ކަމަށްވާ ޔީ ނަސްލުގެ ރައްޔިތުންނެވެ. އޭގެ ތެރެއިން ގިނަ މީހުން އާމްދަނީ ހޯދަނީ އަލުވި އާއި ވޯލްނަޓްސް އާއި މިރުސް އިންދައިގެންނެވެ. (އިންޑިޕެންޑެންޓް)