14 May 2011, 13:51
ޑޮލަރުގެ އަގު ބޮޑުކުރުމާ އެކު ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އަންނާތީ އެކަމަށް ހައްލެއް ހޯދުމަށް އަސާސީ 25 ބާވަތެއްގެ ކާބޯ ތަކެތި ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ފަށައިފި އެވެ.
މިދިޔަ މަހުގެ ކުރީ ކޮޅުން ފެށިގެން ޑޮލަރު ވިއްކާ ރަސްމީ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދުގެ ބޭންޑަކަށް ފެއްތުމާ އެކު ވިޔަފަރިވެރިން ވަނީ މުދަލުގެ އަގުތައް 20 ޕަސެންޓާއި 25 ޕަސެންޓާ ދެމެދަށް މައްޗަށް ޖައްސައިފަ އެވެ. އެއާ އެކު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުގެ ފިއްތުންތަކާއި ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުން ދިޔުމުން އެކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އިގްތިސޯދީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފަ އެވެ.
އެ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް 25 އައިޓަމެއް ރާއްޖެ އެތެރެކުރުމަށް ނިންމައިފަ އެވެ. އެ މަސައްކަތާ ގުޅޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ އެސްޓީއޯ އިން އެތެރެކުރާ 25 ބާވަތުގެ ފުރަތަމަ ޝިޕްމަންޓް ކުރިއަށް އޮތް 30 ދުވަހާއި 40 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. އެ ހުރިހާ އެއްޗެއް ވެސް ވިއްކާނީ، ވިއްކުމުގައި ކޮންޓްރޯލެއް ނެތި މިހާރު ބާޒާރުގައި ތަކެތީގެ އަގު ހުރިވަރަށް ވުރެ ދަށްކޮށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމަ ރަނގަޅު ފުދޭ މިންވަރަކަށް އެއްޗިހި އެތެރެކޮށްގެން އަދި އިތުރަށް ގެންނަންޖެހިއްޖިއްޔާ ގެނެސްގެން އަޅުގަނޑުމެންނަށް ވެސް ގެއްލުންނުވާ ވަރަށް ބާޒާރުގައި މިހާރު ހުރި އަގަށް ވުރެ ދަށް އަގެއްގައި އަޅުގަނޑުމެން އެތަކެތި ވިއްކާނީ،" ޝާހިދު ވިދާޅުވި އެވެ.
ތަކެތީގެ އަގުތައް އެތައް ތަނަކުން ބޮޑުވެފައިވާ އިރު އެސްޓީއޯ އިން އެތެރެކުރާ 25 ބާވަތުގެ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ އެންމެ ބޮޑަށް އަގު އުފުލިފައިވާ ހިކި އަދި ދިޔާ ކިރާއި ޖޫހުގެ ބާވަތްތަކާއި ތަރުކާރީގެ ދެ ބާވަތަކާއި ސޯސް އާއި ފިޔާ އަދި ކާޑުގެ ބާވަތްތައް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
"އަޅުގަނޑުމެންގެ ވިޔަފާރި އަށް ލިބޭ ކުރިއެރުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން މި ބަލަނީ އެތަކެތި ރޯދަ މަހުގެ ކުރިން ގެނެސް ބާޒާރުގައި އަގުތައް ވަކި އަގެއްގައި ބެހެއްޓޭތޯ." ޝާހިދު ވިދާޅުވި އެވެ.
ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔައިރު ސިއްހީ ހިދުމަތުގެ އަގުތައް ވެސް ވަނީ 20 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދަށް އުފުލިފަ އެވެ. ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުއްދަ ނެތި އަގުތައް ބޮޑު ކޮށްފައިވާ ކުލިނިކްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމައިފަ އެވެ.