29 May 2016, 23:02
މިދިޔަ އަހަރު މެއި/ޖޫންގައި ބޭއްވި އެޗްއެސްސީ އަދި އެޑެކްސްއެލް އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދީފި އެވެ.
މަތީ ސާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން އިއުލާންކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާގައި ރާއްޖޭގެ 20 ސްކޫލަކުން ޖުމްލަ 228 ދަރިވަރަކު ވަނީ އެވޯޑު ހާސިލްކޮށްފަ އެވެ.
އެ ދަރިވަރުންގެ ތެރޭގައި ހިމެނެނީ 142 އަންހެން ދަރިވަރުންނާއި 86 ފިރިހެން ދަރިވަރުންނެވެ. އެއީ 2014 ވަނައަހަރު މަތީ ސާނަވީގައި، ގަދަ 10 އަށް ހޮވުނު ކުދިންނަށް ވުރެން 77 ޕަސެންޓުގެ އިތުރުވުމެކެވެ.
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ގްރޭޑް ހާސިލްކޮށްގެން ގަދަ 10 ގެ ފުރިހަމަ އެއް ވަނަ، 28 ދަރިވަރަކު ވަނީ ހޯދައިފަ އެވެ. އެ ދަރިވަރުން ވަނީ ވަނީ އޭލެވެލް އިމްތިހާނުގައި އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕް ހާސިލްކޮށްފަ އެވެ.

މަތީ ސާނަވީ އިން ގަދަ 10 އެއްގައި ހިމެނުނު ކުދިންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން
ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު 28 ކުދިންގެ ތެރެއިން 25 ދަރިވަރުންނަކީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްސީ)ގެ ދަރިވަރުންނެވެ.
މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ވަކި ވަކި މާއްދާތަކުން ދުނިޔޭގެ އެންމެ ރަނގަޅު 10 ނަތީޖާ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ރާއްޖޭގެ 16 ދަރިވަަރަކު ހިމެނުނު އިރު އޭގެ ތެރެއިން 12 ދަރިވަރަކު ވަނީ އެކައުންޓިން މާއްދާއިން 100 ޕަސެންޓް ފުރިހަމަ ނަތީޖާ ހާސިލްކޮށްފަ އެވެ.
އެޑްއެކްސްއެލް އޭލެވެލް އިމްތިހާނުތަކުން ތިން އޭ ސްޓާ އަށް ވުރެ މަތިން ނަތީޖާ ހާސިލްކޮށްގެން އެޑްއެކްސްއެލް އިން ދޭ ހައި އެޗީވާ އެވޯޑް މިއަހަރު ނުވަ ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތައުލީމާ ބެހޭ ވަޒީރު، ޑރ.އައިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ މަރުޙަލާއަށް ދެވޭ ކުދިންގެ ނިސްބަތް މަތިކުރުމަށް ވަރަށް ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށާއި ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރާ އަޅާބަލާއިރު ގްރޭޑް 10 ނިންމައި މަތީ ސާނަވީ މަރުޙަލާއަށް ދެވުނު ކުދިންގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް މަތިކުރެވިފައިވާ ކަމަށެވެ.
"2013 ވަނައަހަރުގެ ވޯލްޑްބޭންކް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ ސާނަވީ ނިންމާފައި މަތީ ސާނަވީއަށް ދެވޭ ކުދިންގެ ނިސްބަތަކީ 20 އިންސައްތަ ކަމުގައި. ނަމަވެސް މިހާރު ވެސް އެ ނިސްބަތް މިވަނީ ﷲ ގެ ވާގިފުޅާއެކު 40 އިންސައްތައަށް މަތިކުރެވިފައިކަން އަޅުގަނޑު އުފަލާއެކީ ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަ ދައްކަވަނީ: ތައުލީމީ ދާއިރާ އަށް ބޮޑެތި ކުރި އެެރުންތަކެއް އައިސްފައިވާކަން ވަނީ ފާހަގަ ކުރައްވާފައި -- ފޮޓޯ: އެޑިއުކޭޝަން
މިދިޔަ އަހަރު ރާއްޖޭގެ 53 ސްކޫލެއްގައި އޭލެވެލް އަށް ކިޔަވައިދީފައިވާ އިރު، ޖުމްލަ 48 ސެންޓަރަކުން 2120 ދަރިވަރުން މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށްފައިވެއެވެ. އެއީ 1268 އަންހެން ދަރިވަރުންނާއި 852 ފިރިހެން ދަރިވަރުންނެވެ.
މިދިޔަ އަހަރު ދަރިވަރުން ބައިވެރިވި މާއްދާތަކުގެ ތެރެއިން އޭ ގްރޭޑް ލިބިފައިވާ ނިސްބަތް 2014 ވަނަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
އަދި މިދިޔަ އަހަރު ބީ ގްރޭޑް ލިބިފައިވާ ނިސްބަތް ވެސް ވަނީ 2014 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓުން 20 ޕަސެންޓަށް މަތިވެފަ އެވެ. ނަމަވެސް 2014 ވަނަ އަހަރާއި އަޅާބަލާއިރު، މިދިޔަ އަހަރު ސީ ގްރޭޑް ލިބިފައިވާ މިންވަރު 32 ޕަސެންޓުން 24 ޕަސެންޓަށް ދަށްވެފައިވާކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
އޭގެ އިތުރުން، ދަރިވަރުންނަށް ޔޫ ގްރޭޑް ލިބިފައިވާ އިންސައްތަ ފާއިތުވި ދެ އަހަރުވެސް 21 ޕަސެންޓުގައި ވަނީ ހިފެހެއްޓިފަ އެވެ.