29 May 2016, 22:13
ލޭގައި ހަކުރު ހުންނަ މިންވަރާއި، ބޮޑީ މާސް އިންޑެކްސް ބެލުން ފަދަ ކުދި ޚިދުމަތްތައް ފޯރުކޮށްދޭ، އެސްޓީއޯގެ ހެންވޭރު ފާމަސީ މިރޭ ހުޅުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހާއި ދަމަނަ ވެއްޓާ ދެމެދު، މަޖީދީ މަގުގައި ހުންނަ މި ބޭސްފިހާރައަކީ، މާލޭގައި ހުޅުވޭ އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ އެވެ. ދެން އެސްޓީއޯގެ ފާމަސީއެއް ހުންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގަ އެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ: މިއީ މާލޭގައި ހުޅުވި އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު
މި ފާމަސީ ހުޅުވައިދެއްވީ، އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒް ވިދާޅުވީ އެސްޓީއޯ އިން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރަ ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ބޭސް ފިހާރަތައް އަޅާ ނިންމާފައިވާ ކަމަށާއި މިރޭ މާލޭގައި ހުޅުވި ބޭސްފިހާރައަކީ ފެންވަރުގެ ގޮތުން ރަނގަޅު ޚިދުމަތްތަކެއް ދޭނެ ތަނެއް ކަމަށެވެ.

އެސްޓީއޯގެ ޗެއާމަން އަހްމަދު ނިޔާޒް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ކުރިޔަށް އޮތް ތަނުގައި އެސްޓީއޯގެ އަމާޒަކަށް ވަނީ ޚާއްސަކޮށް ސިއްހީ ދާއިރާގައި އަޅުގަނޑުމެންނަށް ވެވުނު މިންވަރެއްގައި ޚިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުން،" ނިޔާޒް ވިދާޅުވި އެވެ.
މިރޭ ހުޅުވި ބޭސް ފިހާރާގައި އާސަންދައިގެ ދަށުން ބޭސް ލިބުމުގެ އިތުރުން، އެމެރިކާގެ މުއެލާ ބްރޭންޑުގެ އެތުލެޓިކް ޓޭޕާއި ރެޕްތަކާއި މެޑެލް ބްރޭންޑާއި ފިލިޕްސް ބްރޭންޑުގެ މެޑިކަލް އިކުއިޕްމެންޓް ހިމެނެ އެވެ.

އެސްޓީއޯ ހެންވޭރު ފާމަސީ: މިއީ މާލޭގައި ހުޅުވި އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އެސްޓީއޯ ހެންވޭރު ފާމަސީ: މިއީ މާލޭގައި ހުޅުވި އެސްޓީއޯގެ ދެވަނަ ބޭސްފިހާރަ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު
އޭގެ އިތުރުން، ކްލިނިކްތަކަށް ބޭނުންވާ އެނދާއި ފުރޮޅުލީ ގޮނޑިއާއި އެހެނިހެން އިކުއިޕްމެންޓާއި ފަރުނީޗަރު ވެސް އެތަނުން ލިބެން ހުންނާނެ އެވެ.
މިރޭ ބޭސްފިހާރަ ހުޅުވުމުގެ މުނާސަބަތުގައި، އެސްޓީއޯގެ ފަރާތުން ވަނީ ތެލެސީމިއާ ހުންނަ ތިން ކުއްޖަކަށް ކްރޯނޯ ޕަމްޕާއި، މޯލްޑިވިއަން ބްލަޑް ސާވިސެސްއަށް ބްލަޑް ބޭގްސް އަދި ދަމަނަ ވެއްޓަށް ނިކޮޓީން ޕެޗުތަކެއް ހަދިޔާ ކޮށްފަ އެވެ. އެސްޓީއޯ އިން ބުނާ ގޮތުގައި، މި ތަކެތީގެ އަގު، 125،000 އަށް ވުރެ ބޮޑުވާނެ އެވެ.

އެސްޓީއޯ އިން ތެލެސީމިއާ ކުދިންނަށް ޕަމްޕު ހަދިޔާ ކުރަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން