ޓޯކިޔޯ (މޭ 29): ޖަޕާނުގެ އުތުރުގައި އޮންނަ ހޮއްކައިޑޯގެ ފަރުބަދަ މަތީގައިވާ ޖަންގަލި ތެރެއަށް ހަތް އަހަރުގެ ދަރިފުޅު، ޔަމާޓޯ ޓަނޫކާއަށް އަދަބެއް ދިނުމުގެ ގޮތުން ދޫކޮށްލި ކަމަށް އެކުއްޖާގެ މައިންބަފައިން އެއްބަސްވެއްޖެ އެވެ.

ޓަނޫކާ ހޯދަން ފެށިތާ ދެދުވަސްވެފައިވާ އިރު، ކުއްޖާގެ މައިންބަފައިން އޭނާ ގެއްލިފައިވާ ކަމަށް ފުރަތަމަ ފުލުހުންނަށް ރިޕޯޓު ކުރި އިރު ބުނެފައި ވަނީ ކުއްޖާ ގެއްލުނީ އެމީހުން ތަރުކާރީ ހޮވަން އުޅެނިކޮށް ކަމަށެވެ. ނަމަވެސް، ގާތްގަނޑަކަށް 150 މީހުންގެ އެހީއާއެކު ވެސް ކުއްޖާ ހޯދައި ނުފެނުމުން، އެދެމަފިރިން ވަނީ މީގެ ކުރިން ދޮގު ހެދި ކަމަށް އެއްބަސްވެފަ އެވެ.

"ކުއްޖާގެ މައިންބަފައިން ކުއްޖާ ޖަންގަލި ތެރެއަށް ދޫކޮށްލީ އަދަބެއްގެ ގޮތުގައި. އެމީހުން ބުނި ގޮތުގައި ކުއްޖާ އެކަނި ބެހެއްޓުމަށް ފަހު އޭގެ ކުޑަ އިރުކޮޅެއް ފަހުން ދިޔަ އިރު ކުއްޖާ ފެންނާކަށް ނެތް،" ޓަނޫކާގެ މައިންބަފައިން ބުނި ކަމަށް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ހޮއްކައިޑޯގެ ޓީވީ ޗެނަލަކުން ރިޕޯޓު ކުރި ގޮތުގައި ކުއްޖާ ގެއްލުނީ ފަރުބަދައިގެ 500 މީޓަރު މައްޗަށް އެރިފަހުންނެވެ. (ބީބީސީ)