މާލީ ދަތިތަކަކާއި ހުރެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ލެވަލް މޮނީޓ ާކުރުމަށް ގެނެސްފައި ހުރި އޮސްޓްރޭލިއާގެ މިރިކް މިލާން އަނބުރާ ގައުމަށް ފޮނުވާލާފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ލެވަލް މޮނިޓާ ކުރުމަށް މިދިޔަ އަހަރު ޓީމާ ގުޅުނު މިލާން ފޮނުވާލިކަން ކަށަވަރު ކޮށްދެއްވަމުން އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކެޓްރީ މުހައްމަދު އާދަމް ވިދާޅުވީ އޭނާ ފޮނުވާލީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އޭނާގެ މަސަތްކަތް ވެސް ވަރަށް ފުރިހަމައަށް އަދާކުރަމުން ދިޔަ ކަމަށެވެ.

"މެނޭޖްމަންޓުން ފައިސާގެ ދަތިތަކާ ހުރެ ނިންމި ނިންމުމެއް އެއީ. އޭނާ ފޮނުވާލުމުގެ ކުރިން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން އަންޑާ 14 އާއި 16 އަދި 18ގެ ކުޅުންތެރިންގެ ފިޓްނަސް އެސިސްމެންޓްތަށް ވެސް ނިންމާފައި،" މުހައްމަދު ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްއާ ވެސް ގާތް ގުޅުމެއް އޮންނަ މިލާން ޓީމުން ދޫކޮށްލި އިރު އޭނާ އައީ ހާބަޓްއާއެކު ވަރަށް ގާތުން މަސަތްކަތްކޮށް އެސިސްޓެންޓް ކޯޗެއްގެ ޒިންމާތައް ވެސް އަދާކުރަމުންނެވެ. އެކަމާ ގުޅިގެން ކުރިން ގައުމީ ޓީމްގެ ކޯޗިން ސްޓާފުންގެ މެދުގައި މައްސަލަ ޖެހޭ ބައެއް އޮފިޝަލުން ވަނީ ޓީމް ވެސް ދޫކޮށްލާފަ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަންއާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު ގައުމީ ޓީމުން މާލޭގައި ނުކުންނަށް ތައްޔާރު ވަމުންދާއިރު ކޯޗު ރިކީ ހާބަޓްއާ އެކު އެންމެ ގާތުން ދެން މަސަތްކަތް ކުރަމުންދާނީ އެސިސްޓެންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.