ފުލުހުންގެ ހިދުމަތުގެ ބޭނުން ނުސީދާ ގޮތުން ހިފަން ހުރި ފުރުސަތުތައް ނައްތާލައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ދ.މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ އަރީފް ވިދާޅުވީ ފުލުހުން ދެމިތިބޭނީ ރައްޔިތުންނަށް ހިދުމަތްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭ ބައެއްގެ ގޮތުގައި ކަމަށާއި ގައުމުގައި ސުލްޙަ މަސަލަސްކަން ގާއިމުކޮށް އަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމަކީ ފުލުހުން އުފަލާއެކު ކުރަމުންދާނެ މަސައްކަތެއް ކަމަށެވެ.

ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމުގައި އަބަދުުވެސް އިހުލާސްތެރި ކަމަށް އިސްކަން ދެއްވާނެ ކަމަށާއި އެ ހިދުމަތުގެ ބޭނުން ނުސީދާ ގޮތުން ހިފަން ހުރި ފުރުސަތުތައް ނައްތާ ލައްވާނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ މިއަދު ވިދާޅުވީ މިއަދުގެ މުޖުތަމައުގައި ފުލުހުންގެ ހިދުމަތް ބޭނުން ކުރުމުގައިވެސް، ވަކި ބަޔަކު ބޭނުންވާ ކަންކަން ހާސިލްކުރަން ނޫނީ ވަކި ބައެއްގެ މަގުސަދު ހާސިލްކުރަން ނޫންނަމަ ވަކިބަޔަކަށް މަންފާ ލިބޭގޮތަށް ކަންކަން ކުރަން އޮންނަ ހިދުމަތެއްގެ ގޮތުގައި ހަދަން މަސައްކަތްކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ހަމަ އެއާއެކު ފުލުހުންގެ ހިދުމަތް ވަކި ގޮތަކަށް ދައްކުވައިދޭން މަސައްކަތްކުރާތީ ފެންނަކަމަށާއި ވަކި ބައެއްގެ ނިވާ ފަތްގަނޑެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ބާއްވަން މަސައްކަތްކުރާތަން ފެންނަމުންދާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް އެފަދަ ގޮތަކަށް ކަންކަން ކުރަން ފުރުސަތު ނުދެއްްވާނެ ކަމަށާއި ފުލުހުންގެ ހިދުމަތުގެ ތަސައްވުރު ހުތުރުކޮށް އެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރާއި ލޯބި ނަގާލަން ކުރެވޭ މަސައްކަތަށް ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފަ އެވެ. އަދި އެފަދަ ކަންކަން ނައްތާލައި އެކަމަށް ހުރި ހުރަސްތައް ގިރާ ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މީގެ 83 އަހަރު ކުރިން ފުލުހުންގެ ހިދުމަތުގެ ރޮނގު ދަމާލެވުނީ ވެސް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކަމަށާއި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެ ރޮނގު ފުޅާވެ ފުލުހުންގެ ހިދުމަތް ފުޅާ ކުރެވިގެން ދަނީވެސް ރައްކާތެރި މުޖުތަމައު އެއް ދެމި އޮތުން މުހިއްމު ވާތީ ކަމަށެވެ.

ފުލުހުންގެ ހިންގުން ހަރުދަނާކުރުމަށް، ގާނޫނާއި ގަވާއިދާ ހިލާފުވެ ގާނޫނީ އިމުން ބޭރުން ކަންކުރާ ފުލުހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް މީގެ ކުރިން ސީޕީ ވަނީ ވިދާޅުވެފަ އެވެ.