29 May 2016, 20:35
ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ގާތުން ފޯރުކޮށްދިނުމަށް ދ. މީދޫގައި ފުލުހުން ދާއިމީ ގޮތެއްގައި ތިބޭ ގޮތަށް ހަމަޖައްސައި މީދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި އެވެ.
މީދޫ ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައި މިނިސްޓަރު އުމަރު ވަނީ މީދޫ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން ފުލުހުން މެދުވެރިކޮށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ އަރީފު ވިދާޅުވީ މީގެ 83 އަހަރު ކުރިން ފުލުހުންގެ ހިދުމަތުގެ ރޮނގު ދަމާލެވުނީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ކަމަށާއި މިއަދު ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކަށް އެ ހިދުމަތް ފުޅާކުރެވެމުން ދަނީވެސް ރައްކާތެރި މުޖުތަމައު އެއް ދެމި އޮތުން މުހިންމު ވާތީ ކަމަށެވެ.
މީދޫގައި ފުލުހުންގެ ހިދުމަތް ދާއިމީ ގޮތެއްގައި ފެށުމާއެކު 79 ރަށެއްގައި ފުލުހުން ދާއިމީ ގޮތެއްގައި ތިބޭގޮތް ހަމަޖެހި ފުލުހުންގެ މަރުކަޒުތައް އެ ރަށްރަށުގައި ހުޅުވުނީ އެވެ.
މީދޫގައި މިއަދު ޕޮލިސް ސްޓޭޝަން ހުޅުވާފައި ވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
އެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އެޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.