ތުރުކީގެ އައު ބޮޑުވަޒީރު ބިން އަލީ ޔެލްދްރީމް އަށާއި އޭނާގެ ސަރުކާރަށް އެ ގައުމުގެ ޕާލަމެންޓުން އިތުބާރާއި ރުހުން ދީފި އެވެ. ތުރުކީގެ ޕާލަމެންޓްގެ ރައީސް އިސްމާއީލް ކަހްރަމާން ވިދާޅުވީ ތުރުކީގެ ޕާލަމެންޓްގެ ތަނަވަސް އަޣްލަބިއްޔަތަކުން އައު ބޮޑުވަޒީރު ޔެލްދްރީމް އާއި އޭނާގެ ސަރުކާރަށް ރުހުން ދީ އެ ސަރުކާރުގެ އެޖެންޑާ އަށް އާނބަސް ބުނެފައިވާ ކަމުގަ އެވެ.

ޔެލްދްރީމް އަށާއި އޭނާގެ ސަރުކާރަށް ރުހުން ދީފައި ވަނީ ތުރުކީގެ ޕާލަމެންޓްގައި ހިމެނޭ 453 މެންބަރުންގެ ތެރެއިން 315 މެންބަރުންގެ އަޣްލަބިއްޔަތަކުން ކަމަށް ވެ އެވެ. ޔެލްދްރީމަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވަރަށް އަރިސް ބޭފުޅެކެވެ. މީގެ އިތުރުން ޔެލްދްރީމަކީ އުރުދުޣާން ބޭނުންފުޅުވާ ކޮންމެ ގޮތަކަށް އެއްވެސް ޝަކުވާއެއް ނެތި ކަންތައްތައްކުރާ ބާވަތުގެ ޝަޚްސިއްޔަތެއް ކަމަށް މީޑިޔާތަކުން ސިފަކުރެ އެވެ. ޔެލްދްރީމް ތުރުކީގެ ބޮޑުވަޒީރަކަށް އައްޔަންކުރީވެސް މިސަބަބާގުޅިގެން ކަމަށްވެ އެވެ.

ރައީސް އުރުދުޣާންގެ ބޭނުމަކީ ތުރުކީގައި މިހާރު އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ބާރުގަދަ ރިޔާސީ ނިޒާމެއް ތުރުކީގައި ގާއިމް ކުރުމެވެ. ކުރީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯއަކީ މިކަމަށް އޮތް ހުރަހެއްކަމަށް ފެންނާތީ އުރުދުޣާންވަނީ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރައްވައިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ދާވޫދު އޮގްލޯއަށް މަޖްބޫރު ކުރައްވާފައެވެ. މިއާއެކު މިމަހުގެ ކުރީކޮޅު އޮގްލޯވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ބޮޑުވަޒީރުކަން ގެއްލުމާއެކު ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ރައީސް ކަމުގެ މަގާމުވެސް އޮގްލޯއަށްވަނީ ގެއްލި ވަޑައިގެންފައެވެ.

ތުރުކީގެ ގާނޫނޫ އަސާސީ އޮންނަ ގޮތުން އެގައުމުގެ ރައީސަކީ ބާރެއްނެތް ރަމްޒީ ޝަޚްސިއްޔަތަކަށް ވީނަމަވެސް ފަރުދާގެ އަނެއް ފަރާތަށް ބަލާއިރު ތުރުކީގެ މުޅި ސަރުކާރުގަ އާއި އެ ގައުމުގެ ސިޔާސީ ދާއިރާގައި ވަނީ އުރުދުޣާންގެ ބާރާއި ނުފޫޒެވެ. އަދި ތުރުކީގެ ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކަށް ވެސް ނުސީދާ ގޮތެއްގައި ކޮންމެވެސް ވަރަކަށް ބާރާއި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އުރުދުޣާންގެ މައްޗަށް ކުރެވިފައިވެ އެވެ. ނަމަވެސް އުރުދުޣާން ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުން އޭނާގެ ޕާޓީއަށް ދީފައިވާ އަޣްލަބިއްޔަތުގެ ތެރެއިން އަދި ގާނޫނާއި ގަވައިދުގެ ތެރެއިންނެވެ.

އުރުދުޣާން 13 އަހަރު ތުރުކީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާއިރު އޭނާގެ ރައީސްކަމަށް ވެސް ދެއަހަރުބައި ވެފައިވެ އެވެ. އިސްލާމީ ފިކުރުގެ ބޭފުޅެއް ކަމަށްވާ އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ އިގްތިސާދު އާދަޔާ ޚިލާފަށް ވަރުގަދަކޮށް ސަރަހައްދީ ބާރަކަށް އެގައުމު ހައްދަވާފައިވެއެވެ. އަދި ތުރުކީގެ ރައްޔިތުންގެ ތަނަވަސްކަން ތިންގުނައަށް އިތުރުކޮށް ގައުމުގެ އުފެއްދުންތެރިކަން ތިން ގުނައަށް މައްޗަށް ގެންގޮސް އުރުދުޣާން އާ އިދިކޮޅު ލާދީނީ މީހުންވެސް އޭނާއަށް ތާއީދު ކުރާ މިންވަރަށް އޭނާވަނީ ތުރުކީ ތަރައްގީ ކުރައްވާފައެވެ.

މިއާއެކު އުރުދުޣާންގެ އިސްލާމީ ފިކުރުގެ ޕާޓީވަނީ ލާދީނީ އިލްމާނީ ފިކުރުގެ މީހުން ގިނަ ތުރުކީގެ ގިނަ ބައަކު ސިޔާސީގޮތުން އެންމެ ބޮޑަށް ތާއީދުކުރާ ޕާޓީކަމަށްވެސް ވެފައެވެ. އަދި އެ ޕާޓީއާ ވާދަނުކުރެވޭ ވަރަށް ތުރުކީގެ އިދިކޮޅު ޕާޓީތައް ބަލިކަށިވެ އެޕާޓީތަކަށް ރައްޔިތުންގެ ތާއީދު ކުޑަވެފައިވެ އެވެ. ސަބަބަކީ އިދިކޮޅު ލާދީނީ ޕާޓީތަކުގެ ވެރިކަމުގައި ތުރުކީގެ އިގްތިސާދު ބަލިކަށިވެ ރައްޔިތުންގެ ތަނަވަސްކަން ކުޑަވެގެން ގޮސްފައިވަނިކޮށް ތުރުކީގެ އިގްތިސާދަށް އުރުދުޣާން އިންގިލާބީ ބަދަލުތަކެއް ގެންނެވުމެވެ. އުރުދުޣާންގެ ހަތުރުން ވެސް ވަނީ މިހަގީގަތް ގަބޫލުކޮށްފައެވެ.

މިއާއެކު އުރުދުޣާންގެ ވެރިކަމުގައި ތުރުކީގެ އަވަށްޓެރި ދެ ގައުމު ކަމަށްވާ ސޫރިޔާ އާއި އިރާގުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވެސް ތުރުކީ ވަނީ އިންތިހާއަށް ވަދެފަ އެވެ. ޚާއްސަކޮށް ސޫރިޔާގައި ހަމަނުޖެހުން އުފައްދައި ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުމަށް އެ ގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް އެންމެ ބޮޑަށް ހިއްވަރުދީ އަދި ހަތިޔާރު ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ތުރުކީ ހިމެނެއެވެ. (ނޫސްއެޖެންސީތައް)