30 May 2016, 00:12
ޢުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވާން ގާތްވެފައި ވާތީ، އެގައުމުގެ ރަސްގެފާނު އަބްދުﷲ އެ މަޖިލީސް އުވާލައްވައި، ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.
ޢުރުދުން ނުވަތަ ޖޯޑަންއަކީ، ކޮންސްޓިޓިއުޝަނަލް މޮނާކީއެއް އޮންނަ ގައުމެކެވެ. ވެރިކަން ހިންގުމުގެ އެފަދަ ނިޒާމެއްގައި، ގައުމުގެ އިސްވެރިޔާގެ ގޮތުގައި ރަސްގެފާނު ހުންނަވާ އިރު، ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާނީ ރަސްގެފާނު އައްޔަނު ކުރައްވާ ބޮޑުވަޒީރެކެވެ.
މި އަހަރު އެ ގައުމުގައި، ގާނޫނު ހަދާ މަޖިލީހުގެ ގާނޫނެއް ތަސްދީގުކޮށްފައިވާ އިރު، އެ ގާނޫނު ބުނާ ގޮތުގައި، ދައުރު ހަމަވާން ކައިރި ވުމުން ގާނޫނު ހަދާ މަޖިލީސް އިސްތިއުފާ ދެއްވައި، އާ ސަރުކާރެއް ގައުމުގައި ގާއިމު ކުރުމަށް ފުރުސަތު ފަހިކޮށްދޭން ޖެހޭނެ އެވެ.
ދެހާސް ބާރަވަނަ އަހަރު އުރުދުންގެ ބޮޑުވަޒީރުގެ މަގާމަށް ގެންނެވި އަބްދުﷲ އަންސޫރުގެ ދައުރު މިއަދަށް ހަަމަވުމާ އެކު، އެމަނިކުފާނު ވަނީ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އުރުދުންގެ ރަސްގެފާނު އަބްދުﷲ، އަންސޫރުގެ އިސްތިއުފާ ޤަބޫލު ކުރައްވާފައިވާ އިރު، ގާނޫނު ހަދާ މަޖިލީސް ވެސް އުވާލައްވައި، ބޮޑުވަޒީރުގެ މަގާމު އަދާކުރައްވަން ވަގުތީ ގޮތުން ބޭފުޅަކު ހަމަޖެއްސެވި އެވެ. އެގޮތުން، އުރުދުންގެ ސަރުކާރު ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ، އެގައުމުގެ ތަޖުރިބާކާރު ޕޮލިޓީޝަނެއް ކަމުގައިވާ ހާނީ މުލްކީއާ އެވެ. ހާނީ މުލްކީއަކީ ޑިޕްލޮމެޓެއްގެ އިތުރުން، އުރުދުންގެ ފޮރިން މިނިސްޓަރުކަމާއި ޓްރޭޑް މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މި އަހަރުގެ ފަހުކޮޅު ޢުރުދުންގައި އާންމު އިންތިޚާބެއް ބާއްވައި، ޤާނޫނު ހަދާ މަޖިލީހަށް އާ މެމްބަރުން އިންތިޚާބު ކުރެވޭނެ އެވެ.
އުރުދުންގައި އުވިދިޔަ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނަގާފައި ވަނީ، އެގައުމުގެ މަޝްހޫރު ގަބީލާތަކާއި އާއިލާތަކުންނެވެ. އަދި އެ މެމްބަރުން މަޖިލީހުގައި ނިންމުންތައް ނިންމުމުގެ ގޮތުން ވޯޓު ދެނީ ވެސް، އާއިލާ ނުވަތަ ގަބީލާއިން ބުނާ ގޮތަށެވެ.