29 May 2016, 19:17
ދަރިވަރުންނަށް ޒަމާނީ ގޮތަށް އަރަބި ބަސް ކިޔަވައިދޭން އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ތަމްރީން ކުރުމަށް ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.
އަންނަ މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ވޯކްޝޮޕްގައި ޓީޗަރުންނަށް މައުލޫމާތު ދެއްވާނީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް އުޅުއްވާ ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓްނޭޝަނަލް ސްކޫލް ސެކްރެޓަރީ ޖެނެރަލް، ޕްރޮފެސަރު އަބްދުލް ފައްތާހު ސުލައިމާން އަހުމަދު އަބްދުﷲ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ ވޯކްޝޮޕްގައި އަރަބިއްޔާ ސްކޫލުގެ އަރަބި ކިޔަވައިދެއްވާ ޓީޗަރުންނަށް އަރަބި ބަސް ކިޔަވައިދިނުމުގައި ވިސްނަންވީ ކަންތައްތައް ވެސް ކިޔައިދެއްވާނެ ކަމަށެވެ.
ރާއްޖެއަށް އައުމަށް ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓްނޭޝަނަލްގެ ވަފްދަށް ދައުވަތު ދީފައި ވަނީ ރާއްޖޭގައި އިސްލާމީ ސަގާފަތް ދިރުވައި އާލާކުރުމަށާއި އަރަބި ބަހާއި އިސްލާމީ ތައުލީމުގެ ސްކޫލުތަކަށާއި ޔުނިވަސިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެ ވަޑައިގަތް ވަފްދުގައި ހިމެނިވަޑައި ގަންނަވަނީ، ސެކްރެޓަރީ ޖެނެރަލް އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އެސިސްޓެންޓް އަދި ޕާސަނަލް ސެކެޓްރީ ޖެނެރަލް އެވެ.
އެ ވަފްދުގެ ބޭފުޅުން މިއަދު ވަނީ އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވާފަ އެވެ.
އެ ވަފްދުން ރާއްޖޭގައި ހޭދަކުރައްވާ ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓަރާއި އަރަބިއްޔާ ސްކޫލުގެ ވެރިންނާއި ގުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ބޭފުޅުންނާއި އެންއައިއީ އަދި ޣާޒީ ސްކޫލުގެ އިސްވެރިންނާ ބައްދަލުކުރަން ވަނީ ނިންމާފައެވެ.
ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ދަށުން ހިނގާ އިދާރާ އެކެވެ. ދުނިޔޭގައި އަރަބި އިސްލާމީ ތައުލީމެއް މަންހަޖަކަށް ފެތުރުމުގެ މަގްސަދުގައި އުފެއްދި އެ އިދާރާގެ މަގްސަދުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ އިދާރާ ނުވަތަ އިންސްޓިޓިއުޓްގެ ސްކޫލްތައް ގާއިމް ކުރެވިފައިވެ އެވެ.
މީގެ އިތުރުން، އަރަބި ބަހާއި އިސްލާމީ ތައުލީމް ކުރިއެރުވުމަށް އެ ތައުލީމު ދޭ ގައުމުތަކަށް ފަންނީ އެހީތެރިކަން ވެސް އެ އިދާރާއިން ފޯރުކޮށްދެ އެވެ.