30 May 2016, 08:49
ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ އެއް ފޯނު ކަމުގައިވާ، އެޕަލްގެ އައިފޯނަކީ އޭގެން އެތައް ކަމެއް ކުރެވޭ ގެޖެޓެކެވެ. އޭގެ ފީޗާތަކާއި ފަންކްޝަންތައް ގިނަ ކަމުން، ބައެއް ކަންކަން، ފޯނުގެ ޔޫޒަރަށް ނުވެސް އެނގިދާނެ އެވެ.
މީގެ ތެރެއިން ބައެއް ފީޗާތައް، ފޯނުގެ ސެޓިންގްސް ތެރޭގައި ފޮރުވިފައި ހުރެދާނެ އެވެ. އަނެއް ފީޗާތައް ހަމަ ލޯ ކުރިމަތީގައި، ވަންހަނާ ހާލުގައި ވެސް ހުރެދާނެ އެވެ.
މިތަނުގައި މި ހިމަނާލަނީ، އޭގެ ތެރެއިން ބައެއް ފީޗާތަކެވެ. މީގެ ތެރެއިން ގިނަ ފީޗާތައް، އައިއޯއެސް 8 އާއި 9 އަދި އޭގެ ފަހުގެ ވާޝަންތަކުގައި ހުންނާނެ އެވެ.
ފޯނު އަންލޮކް ނުކޮށް ޓެކްސްޓް މެސެޖަށް ރިޕްލައި ކުރެވޭ!
ފޯނު ލޮކް ކޮށްފައި އޮންނަ އިރު ލިބޭ ޓެކްސްޓް މެސެޖުތަކަށް، ފޯނު އަންލޮކް ނުކޮށް ރިޕްލައި ކުރެވޭނެ އެވެ. އެސްއެމްއެސް ނޯޓިފިކޭޝަން އައުމުން އެ ތިރިއަށް ދަމާލައި، ވާތް ފަރާތަށް ސްވައިޕު ކޮށްލުމުން، ރިޕްލައިއެއް ޓައިޕު ކުރުމުގެ އޮޕްޝަން ފެންނާނެ އެވެ. އެހެން އެޕްއެއް ބޭނުންކުރަމުންދާ އިރު ވެސް، އެސްއެމްއެސްއެއް އައިސްފި ނަމަ އެޔަށް ރިޕްލައި ކުރެވޭނެ އެވެ. ނޯޓިފިކޭޝަން ޑްރޯވާ ތިރިކޮށް، ލޮކް ސްކްރީނުން ވެސް ހެދި ގޮތް ހަދައިގެން އެކަން ކޮށްލެވޭނެ އެވެ.
އެންމެ ބޮޑަށް ބެޓެރީ ޕަވާ ބޭނުންކުރާ އެޕް ބަލައިލެވޭ
ސެޓިންގްސްއަށް ގޮސް، ބެޓެރީ ސެޓިންގްސް ބަލައިލުމުން، ބެޓެރީގެ ބާރު އެންމެ ބޮޑަށް ބޭނުންކުރާ އެޕްތައް ފެންނާނެ އެވެ. އަދި އެޕްތައް ބެޓެރީ ޗާޖު ބޭނުންކުރާ މިންވަރު ވެސް ފެންނާނެ އެވެ.
އޯޑިއޯ އަދި ވީޑިއޯ މެސެޖު އަމިއްލައަށް ޑިލީޓު ވާ ގޮތް ހެދޭ
ސެޓިންގްސްއަށް ގޮސް، މެސެޖު ސެޓިންގްސްއިން އޯޑިއޯ އަދި ވީޑިއޯ މެސެޖު ސެލްފް ޑިސްޓްރަކްޓް ކުރެވޭ ގޮތް ހެދޭނެ އެވެ. އެގޮތުން، ދެ މިނިޓު ތެރޭގައި ވެސް އެތަކެތި އެކްސްޕަޔާ ވާގޮތް ހެދިދާނެ އެވެ.
ޓެކްސްޓް މެސެޖުތައް މިއުޓް ކުރެވޭ
ވަކިވަކި ކޮންޓެކްޓްސްއާއި ކޮންވަޒޭޝަންތައް "މިއުޓް" ކޮށްލެވޭނެ އެވެ. މެސެޖިންގ ތުރެޑަށް ގޮސް، "ޑޫ ނޮޓް ޑިސްޓާބް" މޯޑު ސިލެކްޓް ކޮށްލީމަ އެކަން އެވީ އެވެ.
ވާޗުއަލް އެސިސްޓެންޓް "ސިރީ" ބޭނުންކުރަން ފޯނުގައި އަތްލާން ނުޖެހޭ!
އައިފޯނުގެ ވާޗުއަލް އެސިސްޓަންޓް ސިރީއަކީ، އެ ފޯނުގެ އެންމެ މަގުބޫލު އެއް ފީޗާ އެވެ. ފޯނުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ސިރީ މެދުވެރިކޮށް ކުރެވޭނެ އެވެ. ނަމަވެސް، ސިރީގެ އެހީ ހޯދުމަށް ފޯނު ނަގާކަށް ނުޖެހޭނެ އެވެ. އައިފޯން 6އެސް އެއް އޮންނަ ނަމަ، "ހޭ ސިރީ" އޭ ބުނެލުމަށް ފަހު ސިރީ އެހީތެރިވެދޭނެ އެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން، "ހޭ ސިރީ" ފީޗާ އެނޭބަލް ކުރަން ޖެހެ އެވެ. ޖެނެރަލް ސެޓިންގސް އަށް ގޮސް އެކަން ކުރެވޭނެ އެވެ.
ސިރީގެ އެހީ އެކި ގޮތްގޮތުން ހޯދޭނެ އެވެ. ފޯނުގައިވާ އީމެއިލްއެއް ނުވަތަ އިންޓަނެޓުން ލިޔުމެއް ކިޔައިދިނުމަށް ސިރީގެ އެހީ ހޯދޭނެ އެވެ. އަދި ތަފާތު ނަންތައް ރަނގަޅަށް ކިޔުމަށް ސިރީއަށް ދަސްކޮށްދެވޭނެ އެވެ.
ބޮލުގެ ހަރަކާތް ކޮށްގެން ފޯނު ކޮންޓްރޯލް ކުރެވޭނެ!
މިއީ އެކްސެސިބިލިޓީ ސެޓިންގްސްގެ ތެރޭގައި، ލޯ ކުރިމަތީގައި ވަންހަނާވެފައިވާ ފީޗާއެކެވެ. ހަދަން ޖެހެ ގޮތަކީ، ޖެނެރަލް ސެޓިންސްގްއަށް ގޮސް، އެކްސެސިބިލިޓީއަށް ގޮސް، އިންޓަރެކްޝަން މެނޫ ސިލެކްޓް ކުރާށެވެ. ދެން، ސްވިޗް ކޮންޓްރޯލް ސިލެކްޓް ކުރާށެވެ. ދެން ފެންނަ "ސްވިޗެސް" އޮޕްޝަން ސިލެކްޓްކޮށް، އާ ސްވިޗެއް އެޑު ކުރާށެވެ. ދެން ކެމެރާ ސިލެކްޓް ކުރުމަށްފަހު، ވާތް ފަރާތް ނުވަތަ ކަނާތް ފަރާތަށް ބޯ ހަރަކާތް ކޮށްލުމުން ސިލެކްޓް ކުރެވޭނެ އޮޕްޝަނެއް ކަނޑައެޅޭނެ އެވެ. މިސާލަކަށް، ވާތް ފަރާތަށް ބޯ ހަރަކާތް ކޮށްލުމުން ސިރީ ލޯންޗު ކުރެވޭ ގޮތް ވެސް ހެދޭނެ އެވެ.
ކޮންޓެކްޓްސްގައި ނެތް ނަމްބަރަކުން ގުޅާ ނަމަ، އެއީ ކާޚުކަން ބަލާލެވޭ
އައިއޯއެސް 9 އާ އެކު، އެޕަލްއިން ވަނީ އަންނޯން ކޯލަރެއްގެ ކޯލެއް އަންނަ އިރު، ގުޅަނީ ކާކު ކަން ބެލޭނެ ފީޗާއެއް އިންނާނެ އެވެ. މިސާލަކަށް، ތިބާ މީގެ ކުރިން އީމެއިލް ކޮށްފައިވާ މީހަކު ގުޅާ ނަމަ، އޭނާގެ އީމެއިލް ފެންނާނެ އެވެ.