29 May 2016, 18:38
ނަފްސާނީ ބައްޔަށް ފަރުވާދޭ ކުލިނިކްތައް ބަންދު ކުރަންޖެހުމާއެކު އެ ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސައިކޮލޮޖީ ދާއިރާއިން ބެޗްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކުން ހެލްތު މިނިސްޓްރީން ރަޖިސްޓްރީ ނުކޮށްދޭތީ އެދާއިރާއިން ހިދުމަތްދޭ ކުލިނިކްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުޅާކޮށް އެހިދުމަތް ދޭ މޯލްޑިވްސް އިނިސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓުރެއިނިން އެންޑް ރިސާޗް(މިޕްސުޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) މިހާރު ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ދޭ ކެއާ ސޮސައިޓީގެ ޑައިރެކްޓާ ޕުރޮގުރާމްސް އައިޝަތު ލޫބާ "ސަން"އަށް މިއަދު ވިދާޅުވީ އެ ސެންޓަރުން 12 ކުދިން ތައުލީމް ހާސިލްކުރާއިރު އެ ކުދިންނަކީ ނަފްސާނީ ބަލީގެ އެސެސްމެންޓްތައް ހަދައި ތެރަޕީތައް ދެމުން ތައުލީމް ދޭ ކުދިން ކަމަށެވެ. މިހާރު އެ ކުލިނިކްތައް ހުއްޓުމަކަށް އައުމުން އެކަމުގެ ދަތިކަން ފޯރަމުން އަންނަ ކަމަށް ލޫބާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)ގެ ޗެއާޕާސަން އަހުމަދު މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ނުކުޅެދުންތެރި ކަމަށް ބެލެނިވެރިން ހޭލުންތެރި ކުރުމަށާއި އެފަދަ ކުދިންނަށް ފަރުވާދިނުމަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
މޯލްޑިވްސް އެެލައިޑް ހެލްތު ކައުންސިލުން ބުނެފައި ވަނީ ސައިކޮލިޖިސްޓެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއެކު، ސައިކޮލޮޖީގެ ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަންޖެހެއެވެ. "ސައިކޮލޮޖިސްޓްސް އެސިސްޓެންޓް"ގެ ވަގުތީ ހުއްދަ މިދިޔަ އޭޕްރީލްގެ ގުރެޖުއޭޓްވި ފަރާތްތަކަށް ނުލިބެއެވެ.
ސައިކޮލޮޖިސްޓުންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ސައިކޮލޮޖީގެ ދާއިރާއިން ބެޖްލާސް ޑިގްރީ ހަދާފައިވާ ފަރާތްތަކާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަން އޮތީ މަޝްވަރާ ކުރަން ކަމަށެވެ. އެކަމާއި ގުޅޭގޮތުން އަންނަ ހަފްތާގެ ތެރޭގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ.
ސައިކޮލޮޖީ ދާއިރާއިން މާސްޓާސް ހަދާފައިވާ މީހުން ރާއްޖޭގައި މަދެވެ. ރާއްޖޭގައި ގިނައިން އުޅެނީ އެފަދަ ތަޖުރިބާކާރުންގެ ލަފާގެ މަތިން މަސައްކަތް ކުރާ ޑިގްރީ ފެންވަރުގެ މީހުންނެވެ.