14 May 2011, 13:07
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލްތައް އިންތިހާބުކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"ލޯކްލަ ކައުންސިލްތަކުގެ އިންތިހާބު 2011" ގެ ކަންހިނގައިދިޔަ ގޮތުގެ މައްޗަށް ބަލައި އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްދަތި ދުވަހު ނެރުނު ރިޕޯޓުގައި ބުނަނީ، އިންތިހާބަށް ހަރަދުކުރީ ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް ދޫކޮށްފައިވާ 2010 ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކަމަށެވެ. އަދި އެ ރިޕޯޓް ނިންމާލެވުނުއިރު ކޮމިޝަނުގެ ބަޖެޓުގެ ތެރެއިން އޭޕްރިލް 21 ވަނަ ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 44.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
"ހަރަދުގެ ހުރިހާ ހިސާބުތައް ނިމޭއިރު ހަރަދުގެ ޖުމްލަ 45 މިލިއަން ރުފިޔާ ވަރު ވާނެ ކަމަށް ލަފާކުރެވެ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި މިހާރު ހަރަދުވާނެ ކަމަށް ބެލެވޭ އަދަދަށް ބަލާއިރު ވޯޓު ދިނުމުގެ އުމުރު ހަމަވާ 223974 މީހުންގެ މައްޗަށް ބަލާއިރު ބޮލަކަށް ޖެހެނީ 20.10ރ. ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.
އިލެކްޝަންސް އިން ކުރިން އަންދާޒާކޮށްފައިވަނީ، އިންތިހާބަށް 62 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. ނަމަވެސް، އެ އަދަދު ކުޑަކުރެވުނީ "ހަރަދުކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ" ސަބަބުން ކަމަށް އެކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މައިގަނޑު ގޮތެއްގައި އެ ހަރަދުކޮށްފައިވަނީ ދަތުރުފަތުރު ކުރުމަށާއި އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދުމަށާއި ޗާޕްކުރުމަށާއި ވޯޓުގެ މަސައްކަތުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ދޭންޖެހޭ އެލަވެންސާއި އިތުރުގަޑީގެ ފައިސާ އާއި ކޮއްތު ދިނުން ފަދަ ކަންކަމަށް ކަމަށް ވެސް އިލެކްޝަންސް އިން ބުނެފައިވެ އެވެ. ނަމަވެސް، އެ ހަރަދުތަކުގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.
ސިޓީ އާއި އަތޮޅުތަކުގެ އިތުރުން ރަށު ކައުންސިލްތައް ހިމަނައިގެން ޖުމްލަ 209 ކައުންސިލެއް އިންތިހާބުކުރުމަށް ބޭއްވި ބޮޑު އިންތިހާބާ ގުޅޭ ގޮތުން ނެރުނު ރިޕޯޓުގައި ބުނަނީ، އިންތިހާބުގައި ވާދަކުރި 2754 ކެންޑިޑޭޓުންގެ ތެރެއިން، އެމީހަކު ވާދަކުރި ދާއިރާއަކުން 10 ޕަސަންޓު ވޯޓު ހަމަނުވުމުން 148 މީހެއްގެ ޑިޕޮސިޓް ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ޑިޕޮސިޓް ފައިސާގެ ގޮތުގައި ބެހެއްޓި 1500ރ.ގެ ރޭޓުން ބަލާއިރު 222000ރ. އެވެ. އެހެން ކެންޑިޑޭޓުންގެ ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ރިޕޯޓް ނިމުނުއިރު 1721 ކެންޑިޑޭޓުންގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.
އިލެކްޝަންސްގެ ރިޕޯޓުގައި ބުނެފައި ވަނީ، އިންތިހާބުގެ ކަންކަންކަމަށް ގިނަ އަދަދެއްގެ މީހުން ބޭނުންވާތީ ގިނަ އަދަދެއްގެ އޮފިޝަލުން ހަމަޖައްސަން ޖެހުނު ކަމަށާއި އިންތިހާބުގެ އެކި ކަންކަމުގައި 4140 މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް، "އެކަށީގެންވާ އަދަދަަށް ފަންނީ ދާއިރާތަކުން މީހުން ކުރިމަތިލައިފައިނުވާތީ މަސައްކަތަށް ބޭނުންވާ އޮފިޝަލުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނު" ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ނެގުމަށް 36 ގަޑިއިރަށް ވުރެ ކުޑަތަންވެފައިވަނިކޮށް އައްޑޫގައި ސިޓީ ކައުންސިލުގެ އިންތިހާބު ބާއްވަން ސުޕްރީމް ކޯޓުން އިއުލާންކުރުމާ ގުޅިގެން އެ "އިންތިހާބު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އިތުރު ދަތިތައް ކުރިމަތިވެ، ވޯޓު ކަރުދާސް ފޮނުވުމަށްޓަކައި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖެއްސުމުގައި އިތުރު ހަރަދު ހިނގައިފައިވާ" ކަން ވެސް އިލެކްޝަންސް އިން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ބުރާސްފަތު ދުވަހު ނެރުނު ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ރިޕޯޓުގައިވާ ގޮތުގައި، އިންތިހާބާ ގުޅޭ ގޮތުން 817 މައްސަލައެއް އެ ބިއުރޯއަށް ހުށަހަޅައިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ 131 މައްސަލައަކީ 108 ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަތަކެއް ކަމަށާއި މައްސަލަތައް ބެލުމަށްފަހު 42 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރުމަށް އިލެކްޝަންސްއަށް ހުށަހެޅި ކަމަށް ވެސް އެ ބިއުރޯއިން ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނަނީ، ކެންޑިޑޭޓުންގެ ގުރުއަތު ނެގުމުގެ ކުރިން ނުވަ ކެންޑިޑޭޓަކާއި ގުރުއަތުގެ ފަހުން ހަތް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކޮށްފައިވާ ކަމަށެވެ. އަދި 28 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކޮށްފައި ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރެއިން 14 މީހެއްގެ ކެންޑިޑެސީ ބާތިލުކުރީ ވައްކަމުގެ ހުކުމެއް ސާބިތުވެފައިވާތީ އެވެ. އަދި ކޯޓު އަމުރާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާތީ ހަ މީހެއްގެ ކެންޑިޑެސީ ބާތިލުކުރި އިރު، ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ތިން މީހަކާއި ވައްކަމުގެ ކުށް ސާބިތުވެފައިވާ ތިން މީހެއްގެ ކެންޑިޑެސީ ބާތިލުކޮށްފައިވެ އެވެ. އަދި އިސްލާމްދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރި ކަމަށް ސާބިތުވި ދެ މީހެއްގެ ކެންޑިޑެސީ ވެސް ބާތިލުކުރި އެވެ. މީގެ އިތުރުން ކެންޑިޑެސީ ބާތިލުކުރި މީހުންގެ ތެރޭގައިި، މީހެއްގެ އިއްފަތްތެރިކަން ފޭރިގަތުމުގެ ކުށް ސާބިތުވެފައިވާ މީހަކާއި ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި މީހަކު ވެސް ހިމެނެ އެވެ.
"މީގެ އިތުރުން ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަނުވާ އިތުރު ހަތަރު ކެންޑިޑޭޓެއްގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި، މި ރިޕޯޓް ލިޔުނުއިރު ކުރިއަށް އެބަދެ އެވެ،" ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2011ގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިހާބާ ގުޅޭގޮތުން ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން އިންތިހާބުގައި ބައިވެރިވުމަށް ދޮގު މައުލޫމާތު ދިން މީހަކާ މެދު ޝަރީއަތް ހިންގުމަށް ފަހު، 20،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި ވޯޓު ކަރުދާސްކޮޅު ވީޑީއޯ ކުރި މީހަކު 12،000ރ. އިން ޖޫރިމަނާކޮށް، 10 މީހެއްގެ ވޯޓުލުމުގެ ރަޖިސްޓްރީ އޮޅުވާލި މީހަކު އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އިންތިހާބާ ގުޅިގެން ވެސް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ރަޖިސްޓްރޭޝަނުގެ ޝަކުވާތަކެވެ. އެގޮތުން 181 މައްސަލަ ހުށަހަޅައިފައިވެ އެވެ. އަދި އެކޮމޝަނުން ފުރަތަ ގެޒެޓްކުރި ވޯޓާސް ރަޖިސްޓްރީގައި މަރުވެފައިވާ 500 އަށް ވުރެ ގިނަ މީހުންގެ ރެކޯޑް ހިމެނޭކަން ފާހަގަކުރެވިގެން ފަހުން އެމީހުންގެ ނަން ލިސްޓުން އުނިކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.