29 May 2016, 15:10
އިމްތިހާން ބާއްވާ ހޯލްތައް ބަލަހައްޓާ އިންވިޖިލޭޓަރުން ތަމްރީންކުރުމުގެ މަސައްކަތު ބައްދަލުވުމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
މިއަދު ފެށި ވޯކްޝޮޕްގައި މާލެއާއި އަތޮޅުތެރޭގެ 48 ސެންޓަރަކުން ޖުމްލަ 80 ބައިވެރިން ބައިވެރިވެ އެވެ.
އިމްތިހާނުތައް ހިންގުމުގެ އާންމު އުސޫލުތަކާއި އިމްތިހާނު ސެންޓަރުގެ ރައްކާތެރިކަމާއި އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތުތައް އޮޅުންފިލުވައިދީ އަދި އިމްތިހާނު ހިންގާނެ ގޮތާއި އިމްތިހާނު ހޯލެއްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް އޮޅުން ފިލުވައިދިނުމަށް އިމްތިހާނުތަކަށް ވަކިން އިންވިޖިލޭޓަރުން ތަމްރީން ކުރުމަކީ ކޮންމެ އަހަރަކުވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން (ޑީޕީއީ) އިން ކުރިއަށްގެންދާ މަސައްކަތެކެވެ.

އިންވިޖިލޭޓަރުން ތަމްރީން ކުރުމަށް މިއަދު ފެށި ވޯކްޝޮޕްގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
މީގެ ކުރިން އިންވިޖިލޭޓަރުން ތަމްރީންކުރަމުން އަންނަނީ އޯލެވެލް އަދި އޭލެވްލް އިމްތިހާނަށް ވަކިންނެވެ.
ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރުން ފެށިގެން އެ އިމްތިހާން ބާއްވާނީ ޑީޕީއިން ބާއްވާ ހުރިހާ އިމްތިހާނުތަކެއް އިންވިޖިލޭޓް ކުރެވޭގޮތަށް އެއް ވޯކްޝޮޕެއްގެ ގޮތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އިންވިޖިލޭޓަރުން ތަމްރީން ކުރުމަށް މިއަދު ފެށި ވޯކްޝޮޕްގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑީޕީއީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ، އިނގިރޭސި އިމްތިހާނުތައް ރާއްޖޭގައި ހަދަންފެށިތާ 50 އަހަރު ހޭދަވިއިރު، އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.