ރާއްޖޭގައި ޖަނަވާރުންނަށް ފަރުވާދޭ ހާއްސަ އާލާތްތަކާއެކު ހާއްސަ ކްލިނިކަކާއި އެނިމަލް ޝެލްޓާއެއް ގާއިމްކޮށްދިނުމަށް އެދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅުމަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުން އެބަދެ އެވެ.

އެމެރިކާގެ މަޝްހޫރު ޕެޓިޝަން ވެބްސައިޓެއް ކަމަށްވާ ޗޭންޖް ޑޮޓް އޯގް ގައި އެޕެޓިޝަންފަށާފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. އަދި 1000 މީހުން ހަމަކުރަން ފަށާފައިވާ އެ ޕެޓިޝަންގައި މިހާތަނަށް 822 މީހުން ވަނީ ސޮއިކޮށްފަ އެވެ.

އެ ޕެޓިޝަން ތައްޔާރުކުރި ފަރީނާ އާމިނަތު ބުނެފައި ވަނީ، އެ ޕެޓިޝަންގެ ބޭނުމަކީ ރާއްޖޭގައި އެނިމަލް ޝެލްޓާއަކާއި ވެޓް ކްލިނިކެއް ގާއިމްކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް އެދުން ކަމަށެވެ. އަދި މީގެ ކުރިން ވެސް އެކަމަށް މަސައްކަތްކޮށް އެކަމަށް ތަރުހީބު ލިބިފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، މާލޭގެ އިންފުރާސުޓަރަކްޗަރު ތަރައްގީވަމުން އަންނަ ވަރަކަށް މާލޭގައި ދިރިއުޅޭ ޖަނަވާރުތަކަށް ލިބެންޖެހޭ ރައްކާތެރިކަމާ ބޯހިޔާވަހިކަން ނެތެމުންދާ ކަމަށެވެ.

ވެހިކަލްތަކުން ޖެހި ބައެއް ޖަނަވާރުތަކަށް އެކި ކަހަލަ އަނިޔާވެ، މަރުވެފައިވާއިރު އެފަދަ ޖަނަވާރުތަކަށް ގޯނާކުރާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތްތައް ނެތުމުގެ ސަބަބުން ސަލާމަތްކުރެވޭނެ އެތައް ޖަނަވާރެއްގެ މަރުވަމުންދާއިރު، މާލޭގެ މަގުތަކުގައި ދިރިއުޅޭ ބައެއް ޖަނަވާރުތަކުގެ އާބާދީ ގިނަވެ، ބަލިމަޑުކަން ފެތުރުމުގެ ބިރު ހީވެފައިވާ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

ދިވެހީންގެ ތެރެއިން ގިނަ ބަޔަކު، ޕެޓްގެ ގޮތުގައި ޖަނަވާރުގެ އެކި ވައްތަރުތައް ގެންގުޅެ އެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ދޫންޏާއި ބުޅާ ހިމެނެ އެވެ. އެހެން ނަމަވެސް މި ޖަނަވާރުތަކުގެ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އެތަކެއްޗަށް ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމެއް، ނުވަތަ ވެޓެރިނޭރިއަން (ޖަނަވާރު ޑޮކްޓަރު)ގެ ޚިދުމަތް ލިބޭކަށް ނުހުރެ އެވެ. އަދި ގެންގުޅޭ ޖަނަވާރު ބޭނުން ނުވެއްޖެ ނަމަ، އެތަކެތި ބަލަހައްޓައިދޭނެ އެނިމަލް ޝެލްޓާއެއް ނުހުރެ އެވެ. އެހެންކަމުން، ބޭނުން ނުވާ، އޮޅު ޖަނަވާރުތައް ވެސް ބަލައިދޭނެ ފަރާތެއް ނެތްނަމަ ޖެހެނީ މަގުމައްޗަށް ދޫކޮށްލާށެވެ.