29 May 2016, 13:53
ހއ. ދިއްދޫގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ދިއްދޫގެ ދެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ފެނުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އެ ދެ އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ތިން މީހުންގެ ތެރެއިން 22 އަހަރުގެ ދެ ފިރިހެނުން ފުލުހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެތަނުން އެކަކު ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސް ކުރުމަށް ފަހު ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރި އިރު އެގޭ ސިޓިންގް ރޫމްގައި ހުރި ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެ އެވެ.
ސައްބީސް އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މި ދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. އެގެ ބަލައި ފާސްކުރި އިރު އެގެއާ އިންވެގެން ހުންނަ ގެއެއްގައި ހުރި އެޅިގާތަކުގެ ތެރެއިން ގަލެއްގެ ތެރެއަށް ލައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތިން މީހުންގެ ތެރެއިން 22 އަހަރުގެ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ އިރު، 26 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.