އެއްވެސް މެޗަކުން ބަލިނުވެ، ތައިލޭންޑްގައި ކުރިއަށް ދިޔަ ގްލޯބަލް ވެޓަރަންސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ރާއްޖޭގެ ވެޓަރަންސް ޓީމު ހޯދައިފި އެވެ.

ލީގު އުސޫލުން ކުރިއަށް ދިޔަ އެ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ ހޯދި އިރު، އެ ޓީމުން ވަނީ ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ. ރާއްޖެ އާއި ތައިލެންޑް ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ރާއްޖެއަށް ލީގުގެ އެއްވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ.

މުބާރާތުގެ ފަހު މެޗުގައި ރާއްޖެ އިއްޔެ ނުކުތީ ބުރުނާއީގެ ވެޓެރަންސް ޓީމާ ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާ އެކު 7-0 ލަނޑުން ރާއްޖެ އިން ވަނީ ކާމިޔާބުކޮށްފަ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ ވެޓެރަންސް ޓީމު އަތުން 3-1 ލަނޑުން މޮޅުވި އިރު، ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އަމިއްލަ ގައުމުގައި ކުޅުނު ތައިލެންޑް ވެޓެރަންސް ޓީމު އަތުން ވަނީ އެއްވަރުވެފަ އެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ވާދަވެރި އިންޑިއާ އަތުން 3-0 ލަނޑުން މޮޅުވެފައިވާ އިރު، ރާއްޖެ ކުޅުނު ހަތަރު ވަނަ މެޗުގައި އިންޑޮނޭޝިއާ އަތުން މޮޅުވީ 3-0 ލަނޑުންނެވެ.