އިސްލާމީ ފައިނޭންސްގެ އުސޫލުން ކްރެޑިޓް ސޭލްސް ޚިދުމަތް ދިނުމުގެ ގޮތުން، ގަންނަ ފަރާތާއި ވިއްކާ ފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުން، "ބައިޢު މުޢައްޖަލް"ގެ ޚިދުމަތް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތައާރަފު ކޮށްފި އެވެ.

ބައިޢު މުޢައްޖަލް އަކީ ޢަރަބި ބަހެކެވެ. އޭގެ މާނައަކީ ކްރެޑިޓް ސޭލް އެވެ. ނުވަތަ ފަހުން ފައިސާ ދައްކާ ގޮތަށް ހެދޭ އެއްބަސްވުމެކެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮޑަކްޓް ތައާރަފު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

އެޗްޑީސީ އިން މި ޕްރޮޑަކްޓް ލޯންޗު ކުރީ، އެ ކުންފުނިން ވިއްކާ ފްލެޓު، ރޯހައުސް އަދި އެހެނިހެން އިމާރާތްތައް ގަންނަ ފަރާތުން، އެޗްޑީސީއާ އެކު ހަދާ އެގްރިމެންޓަކާ އެކު ފަހުން ފައިސާ ދައްކާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

އެޗްޑީސީ އިން ބުނީ، އެކުންފުންޏާ އެކު ޓްރާންސެކްޝަންތައް ހަދާ ފަރާތްތަކަށް ފައިސާގެ ދަތިތަކެއް ކުރިމަތިވާކަން އެނގޭ ކަމަށާއި ފައިސާ ދައްކަން ޖެހެނީ ބުރަ ނިޒާމެއްގެ ތެރެއިން ކަމަށް ވާތީ، އެކަމުގެ ދަތިތައް ކަސްޓަމަރުންނަށް ފޯރާ ކަމަށެވެ. އެހެންކަމުން، އެޗްޑީސީ އިން ތައާރަފު ކުރި ބައިޢު މުޢައްޖަލް ޚިދުމަތުގެ ސަބަބުން އެކަމަށް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

ބައިޢު މުޢައްޖަލްއަކީ، ގަންނަ ފަރާތާއި ވިއްކާ ފަރާތާ ދެމެދު ހެދޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، ގަންނަ ފަރާތުން ފައިސާ ފަހުން ދައްކާނެ ކަމާއި ދައްކާނެ ގޮތް ބަޔާން ކުރެ އެވެ. ފަހުގެ ތާރީޚެއްގައި ފައިސާ، ގަނޑުކޮށް ނުވަތަ އިންސްޓޯލްމެންޓަށް ވެސް ދެއްކޭނެ އެވެ. މި ޚިދުމަތުގެ ދަށުން، އިންޓެރެސްޓާއި ޖޫރިމަނާ ފަދަ އިތުރު ޕޭމެންޓުތައް ދައްކަން ޖެހުން ހުއްޓުމަކަށް އަންނާނެ އެވެ.

މި އެއްބަސްވުމުގައި އަގު ކަނޑައެޅިގެން ބަޔާން ކޮށްފައި އޮންނަން ޖެހޭނެ އެވެ. މިއީ ދުނިޔޭގައި އިސްލާމިކް ފައިނޭންސް ޚިދުމަތްދޭ ގިނަ ތަންތަނުންދޭ ޚިދުމަތެކެވެ.

އެޗްޑީސީއިން މައުލޫމާތު ދޭ ގޮތުގައި، މިހާރު އެޗްޑީސީއާ އެކު ހިނގަމުންދާ ޓްރާންސެކްޝަންތައް ވެސް ބައިޢު މުއައްޖަލްގެ އުސޫލަށް ބަދަލު ކުރެވޭނެ އެވެ. އެގޮތުން، އެ ޓްރާންސެކްޝަންތައް ބައިޢު މުޢައްޖަލްއަށް ބަދަލު ކުރަން ކަސްޓަމަރުން އެދޭނަމަ، އެކަން ކުރާނީ ކަސްޓަމަރުންނަށް ލިބޭނެ ގެއްލުން ވީހާ ވެސް ކުޑަ ވާނެ ގޮތަކަށް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.