ސްޕައިޑަ-މޭން އާއި ކެޕްޓަން އެމެރިކާ އެކުގައި ފެނުނު ހަމައެކަނި ފިލްމަކީ، "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އެވެ. އެ ފިލްމުގައި ވެސް އެ ދެ އެވެންޖާ އިން ފެނިގެންދިޔައީ ދެކޮޅުވެރިންގެ ގޮތުގަ އެވެ. ނަމަވެސް އެކަން ބަދަލުކުރަން ކެޕްޓަން އެމެރިކާގެ ރޯލު ކުޅެމުން އަންނަ ކްރިސް އެވަންސް ބޭނުންވެ އެވެ.

އެމްޓީވީ އަށް ދިން އިންޓަވިއުއެއްގައި އެވަންސް ބުނީ، "ގާޑިއަން އޮފް ދަ ގެލެކްސީ"ގެ ޓީމާއެކު ހަރަކާތްތެރިވުމަކީ ވެސް އޭނާއަށް ލިބޭނެ އުފަލެއް ކަމަށެވެ. ނަމަވެސް ކެޕްޓަން އެމެރިކާއަކީ ދުނިޔޭގެ ކަންތައްތަކާ ގުޅޭ ފިލްމުތައް ކުޅޭ އެވެންޖާއެއް ކަމުން، ސްޕައިޑަ-މޭން އާއެކު ފެންނަން ބޭނުންވާ ކަމަށެވެ.

"ގާޑިއަންސްތަކާ އެކު ހަރަކާތްތެރިވުމަކީ މަޖާކަމަކަށް ނުވާނެތަ؟ ނަމަވެސް އެއީ ވަރަށް ޖައްވީ ފިލްމެއް. ކެޕްޓަން އަކީ ދުނިޔޭގެ ކަންތައްތަކުގެ އުޅޭ މީހެއް. ފަހަރެއްގައި ކުރިއަށް އޮތް ސްޕައިޑަ-މޭންގެ ފިލްމު ވަރަށް ރަނގަޅުވާނެ،" އެވަންސް ބުނެފައިވެ އެވެ.

އޭނާ ބުނީ، ސްޕައިޑަ-މޭންގެ ރޯލް ކުޅެމުން އަންނަ ޓޮމް ހޮލޭންޑަކީ މޮޅު އެކްޓަރެއް ކަމަށާއި އޭނާއާ އެކު މަސައްކަތްކުރުމަކީ މަޖާ ކަމަކަށްވާނެ ކަމަށެވެ.

ސްޕައިޑ-ަމޭންގެ ފިލްމުން އެވަންސް ފެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، މާވެލް ސްޓޫޑިއޯ އިން މީގެ ކުރިން ބުނެފައި ވަނީ، ކުރިއަށް އޮތް ސްޕައިޑަ-މޭން ރީބޫޓުގައި މާވެލްގެ ބައެއް ސުޕަހީރޯތައް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ސްޕައިޑަ-މޭންގެ އާ ފިލްމުން ކެޕްޓަން އެމެރިކާ އަށް ފުރުސަތު ލިބިއްޖެ ނަމަ، ކެޕްޓަން އެމެރިކާ ފެނިގެންދާނީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ"ގައި އޭނާގެ އެންމެ ބޮޑު ހަސަދަވެރިޔާ، އަޔަން މޭންއާ އެކުގަ އެވެ.

އަންނަ އަހަރުގެ ޖުލައި މަހު 17 ވަނަ ދުވަހު ރިލީޒްކުރަން ޝެޑިއުލްކޮށްފައިވާ ފިލްމު ވެގެންދާނީ ސްޕައިޑަ-މޭން ފްރެންޗައިޒްގެ ހަ ވަނަ ފިލްމަށެވެ.