އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، މިހާރު މެދު ކަނޑާލާފައިވާ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އޮންނާނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ. ދެވަނަ ދައުރު ހަމަވާނީ އޮގަސްޓް މަހުގެ ނިޔަލަށެވެ.

އެއަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއެއް އަނެއްކާވެސް މެމްބަރުންނަށް ލިބޭނެ އެވެ. އެ ޗުއްޓީއަށްފަހު ތިން ވަނަ ދައުރުގެ މަޖިލީހުގެ މަސައްކަތްތައް ފެށޭނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ތިން ވަނަ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.