14 May 2011, 12:09
އަދާލަތު ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސްގެ މަގާމުގެ ތެރެއިން ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައި ވާތީ އެ ބޭފުޅުން މަގާމުގައި ދެމި ތިބުމާ މެދު ޕާޓީގެ މެންބަރުންގެ ފެންނަ ނުފެންނަށް ވޯޓެއް މުޅި ރާއްޖޭގައި ނަގާނޭ ކަމަށް ރާއްޖޭގައި ތިން ވަނަ އަށް އުފެއްދި ސިޔާސީ ޕާޓީ އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް މި މަހުގެ27 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ މުއްދަތު މި ދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވި އިރު ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޝައިހް އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގެ މަގާމަށް އެ ޕާޓީގެ ފުރަތަމަ ނައިބު ރައީސް ކަން ކުރެއްވި ޑރ. މައުރޫފް ހުސެއިން އެވެ.
ޕާޓީގެ އެންމެ އިސް ދެ މަގާމަށް އެ ދެ ބޭފުޅުން އެކަނި ކުރިމަތިލައްވާފައި ވުމުން އެ ވޯޓު ނެގުމަށް ނިންމީ އަދާލަތު ޕާޓީގެ އިންތިހާބީ ކޮމެޓީންނެވެ. އެ ކޮމެޓީން ނިންމާފައިވާ ގޮތުން އެބޭފުޅުން އެ މަގާމަށް ހޮވޭނީ ވޯޓުލާ މީހުންގެ 51 ޕަސެންޓް ތާއީދު ލިބިގެން ކަމަށް ވެސް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީން ވަނީ ބުނެފަ އެވެ.
"އެ ބޭފުޅުންނަށް ފެންނަ ނުފެން ވޯޓުން އަޅުގަނޑު މިދަންނަވާ 51 ޕަސެންޓް ނުލިބިއްޖެ ނަމަ ގައުމީ މަޖިލީހުން ގޮތެއް ނިންމާނީ ދެން އަމަލުކުރާނެ ގޮތަކާ މެދު،" އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީގެ ތަރުޖަމާން ޝައިހު ޝަހީމް އަލީ ސައީދު މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
ދީނީ ދަންނަ ބޭކަލުންގެ ޕާޓީ ކަމަށް ގިނަ ބަޔަކު ސިފަކުރާ އަދާލަތު ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ ހަޔަކުން ހަތަރަކަށެވެ. އެ ޕާޓީން ބުނީ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ފިޔަވައި ދެން ހުރި އިސް މަގާމުތަކަށް ވޯޓު ނަގާނީ ކޮންގްރެސްގައި ކަމަށެވެ.