29 May 2016, 11:29
ކަރާކަސް(މޭ 29): ވެނެޒުއޭލާގެ އިގުތިސާދީ ހާލަތު ދަށްވަމުން ދިޔުމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ، ޖަރުމަނުގެ ލުފްތަންސާ އެއާލައިނުން ވެނެޒުއޭލާއަށް ކުރާ ދަތުރުތައް ހުއްޓާލަން އެއެއާލައިނުން ނިންމައިފި އެވެ.
ލުފްތަންސާ އެއާލައިނުން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން އެއާލައިނަށް ވަނީ ޖޫން 18އިން ފެށިގެން ވެނެޒުއޭލާ އާއި ޖަރުމަނާ ދޭތެރޭ ކުރާ ދަތުރުތައް ހުއްޓާލަން މަޖުބޫރުވެފަ އެވެ. ދަތުރުތައް ހުއްޓާލަން ޖެހެނީ ވެނެޒުއޭލާގެ ކަރެންސީ ކޮންޓްރޯލް އޮންނަ ގޮތުން އެގައުމުން ފައިސާ ބަދަލުކުރަން ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންނާއި ވެނެޒުއޭލާއަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެ އެވެ.
ވެނެޒުއޭލާގެ އާމްދަނީ ބަރޯސާވެފައި ވަނީ ތެލުގެ ވިޔަފާރިއަށް ކަމުން، ތެލުގެ އަގު ދަށަށް ދިޔުމުން އެގައުމުގެ އިގިތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އޭގެ ސަބަބުން ގައުމުގައި ކާނާ އާއި ބޭހާއި އާދާއިގެ ދިރިއުޅުމުގައި ބޭނުންވާ ތަކެތި ހޯދަން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ވެނެޒުއޭލާގެ އިގުތިސާދު ހީނަރުވަމުން ދިޔުމުގެ ސަބަބުން ގައުމުގައި ފައިސާ ބަދަލު ކުރާ މިންވަރު ކޮންޓްރޯލް ކުރަން ފެށީ 2013ގަ އެވެ. ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެގައުމުގެ ފޮރިން ރިޒާވްގައިވާ ފައިސާ މިހާރު ބޭނުން ކުރަމުން ދަނީ ކޮންމެހެން ބޭނުންވާ، ބޭހާއި މެޝިނެރީ ގަންނަން ކަމަށް ބުނެ ކަރެންސީ ކޮންޓްރޯލް އިތުރަށް ވަރުގަދަކޮށްފަ އެވެ. (ބީބީސީ)