29 May 2016, 10:50
ޖިންސީ އަމަލަކަށް މަގުފަހިވާ ގޮތަށް ސްކޫލް ކުއްޖަކާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއީލް މަސްރޫފްގެ ސަސްޕެންޝަންގެ މުއްދަތު އެއް މަސް ދުވަށް އިތުރުކޮށްފި އެވެ.
ފުލުހުން މަސްރޫފް ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ޖެހިގެން އައި ދުވަހު ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކުރުމަށްފަހު އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް މަސްރޫފް ސަސްޕެންޑު ކުރީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވުމުން ސަސްޕެންޝަންގެ މުއްދަތު އިތުރު އެއްމަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން މުހައްމަދު ވިދާޅުވި އެވެ.
ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް މުހުސިން ނުދެއްވަ އެވެ.
މަސްރޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.