29 May 2016, 11:09
މިދިޔަ އޭޕްރީލް މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 3.6 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޭޕްރީލް މަހު އެކި ގައުމުތަކުން ޖުމްލަ 103496 ޓޫރިސްޓުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު އައީ 102242 ޓޫރިސްޓުންނެވެ. އެއީ ގާތްގަނޑަކަށް 3.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިއަހަރު ވޭތުވެދިޔަ ހަތަރު މަހަށް ބަލާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންނަށް ބަލާއިރު އެ މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ އެކި ގައުމުތަކުން ރާއްޖެއަށް ވަނީ 227294 ފަތުރުވެރިން އައިސްފަ އެވެ.
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. އެ ސަރަހައްދުން 184291 ޓޫރިސްޓުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު އެ މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އައީ ޗައިނާ އިންނެވެ. އެ ގައުމުން އެކަނި ވެސް ޖުމްލަ 104106 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު އެއީ 9.7 ޕަސެންޓްގެ ދަށްވުމެކެވެ.
މިއަހަރުގެ ވޭތުވެ ދިޔަ ހަތަރު މަހު ވަނީ ރާއްޖެ އަށް ޖުމްލަ 447659 ޓޫރިސްޓުން އައިސްފަ އެވެ. އެ އަދަދުން 50.8 ޕަސެންޓް ހިއްސާކުރަނީ ޔޫރަޕްގެ ގައުމުތަކުންނެވެ.