ގއ. ވިލިނގިލިން މުވައްޒަފުން ގޮވައިގެން އެ އަތޮޅު ކުއްޑު އަށް ދަތުރުކުރަމުން ދިޔަ ފެރީއަކާއި މަސްދޯންޏެއް ޖެހި އެކްސިޑެންޓެއްވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލި ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒް މޫސާ ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އެ ހޮސްޕިޓަލުގައި ކޫއްޑޫގެ ހަ މުވައްޒަފަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހަކަށް މާކަބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ޗީފް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް އަލީ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އެ އެކްސިޑެންޓް ހިނގާފައި ވަނީ ކޫއްޑޫ ފަޅުތެރެއަށް ވަންނަން އައި އެ ފެކްޓަރީގެ މުވައްޒަފުން ތިބި ފެރީއަކާއި ފަޅުތެރެއިން ނުކުތް މަސް ދޯންޏެއް ޖެހިގެން ކަމަށެވެ.

ގއ. ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު "ސަން" އަށް ވިދާޅުވީ، ހާދިސާގައި އެކްސިޑެންޓުވި ދޯންޏަށް ވެސް މާ ބޮޑު ގެއްލުންތަކެއް ލިބިފައިނުވާ ކަމަށެވެ.