މަސްމާރުކޭޓުގައި ދަތް އުނގުޅައި ފެންވެރި މައްސަލަ އާއި ކިލާފެނުން ތަރުކާރީ ދޮވުނު މައްސަލާގައި އެކަން ތަކުރާރު ނުކުރުމަށް އަންގައި މައްސަލަ ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ސަން"އަށް ވިދާޅުވީ އެ ދެ މައްސަލާގައި ވެސް ހިމެނޭ ފަރާތްތަކާ ހެލްތު މިނިސްޓްރީ އިން ބައްދަލުކޮށް އެކަން ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އިތުރު ބޮޑު ފިޔަވަޅެއް ދެން އަޅާނީ އެފަދަ ކަމެއް ދެން ތަކުރާރުކޮށްފި ނަމަ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.

އެފަދަ ކަންކަމުގައި އެޅޭނެ ފިޔަވަޅަކަށް ވާނީ އެތަނެއް ބަންދު ކުރުން ކަމަށާއި އެއީ ހައްލެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކަންކުރަން ޖެހޭ ގޮތަކީ ސާފުތާހިރުކަން ބަލަހައްޓަން ޖެހޭ އުސޫލުތަކަށް އަމަލުކުރޭތޯ މޮނީޓާ ކުރުން ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

މީގެ ދެ ހަފްތާކުރިން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ މަސްކަނޑާ އަށިތައް ހުންނަ ސަރަހައްދުގައި މީހަކު ދަތް އުގުޅުމަށް ފަހު މާރުކޭޓު ފެން ހިންދުމަށް ހަދާފައިވާ ވަޅުގަނޑަށް ކުޅު ޖަހާމަންޒަރެވެ. އޭނާ އެތަނަށް ކުޅުޖަހާއިރު އެއީ މަސްކަނޑާ އައްޓެވެ. އަދި ގައިގައި ސައިބޯނިލައިގެން މީހަކު ފެންވަރާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

މީގެ އެއް ހަފްތާކުރިން ލީކްވެފައިވާ އަނެއް ވީޑިއޯގައި ފެންނަނީ މަގުމަތީ ފެންބޮޑުވެފައިވާ ކިލާ ފެންގަނޑުގެ ތެރެއަށް "ލީކްސް" ފަތްބޮނޑިއެއް ކޮށްޕާލައި އެ ފެނުން އެ ތަރުކާރީ ދޮންނަތަނެވެ. އެ އަށް ފަހު އެތަރުކާރީ ފަތްބޮނޑި ވިއްކުމަށް ޑިސްޕްލޭގައި ބަހައްޓާ މަންޒަރެވެ.

އެފަދަ މައްސަލަތައް ބޮޑުވެގެން ފުޑް އެންޑް ޑުރަގް އޮތޯރިޓީ އިން މިހާރު ވަނީ ފުރަތަމަ ފަހަރަށް ފިހާރަތައް ބަލައި ފާސްކުރަން ފަށައިފަ އެވެ. އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކާބޯތަކެތި ބެހެއްޓުމާއި ގުދަން ކުރުމުގެ އިތުރުން ސާފުތާހިރުކަމުގެ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.