ކުޅޭ ފިލްމަކަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ބަލައިގެން ފިލްމު ނުކުޅޭ ކަމަށް ބޮލީވުޑްގެ ބަތަލާ އައިސްވާރިޔާ ރާއީ ބައްޗަން ބުނެފި އެވެ.

އައިޝްވާރިޔާ ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމު، "ސަރަބްޖީތް" އަށް މީހުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ކޮންމެ ހިސާބަކަށް ފިލްމު ފޯރުކޮށްދިނުމަށް ޓަކައި ޓެކްސް ހިލޭ ކޮށްދޭން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.

"ބޮކްސް އޮފީހަށް އަމާޒު ހިފައިގެން އަހަރެން ދުވަހަކު ވެސް ފިލްމެއް ނުކުޅެން. ނަމަވެސް އަހަރެން އެކަމެއް ނުބެލި ނަމަވެސް، ސަރަބްޖީތުގެ ޓީމުންނާއި އިންޑަސްޓްރީން އެ ފިލްމަށް ތަރުހީބު ލިބުމަށް އުއްމީދުކުރޭ،" އައިޝްވާރިޔާ ބުންޏެވެ.

ފިލްމު، "ސަރަބްޖީތް" އަކީ ޕާސްކިތާނުގެ ލާހޫރުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުއްޓައި ޖަލުގެ ގައިދީންތަކެއް ތަޅައި އަނިޔާކުރުމުގެ ސަބަބުން މަރުވި، އިންޑިއާގެ ގައިދީ ސަރަބްޖީތު ސިންގްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި އުމުރުން 42 އަހަރުގެ އައިޝްވާރިޔާ ކުޅެނީ ސާބްޖީތުގެ ދައްތަގެ ރޯލެވެ. އައިޝްވާރިޔާ ބުނީ، ފިލްމު "ސަރަބްޖީތް" އަށް ތައުރީފު ކޮށްފައި ވަނީ ހަމައެކަނި ބެލުންތެރިން ނޫން ކަމަށާއި ސާބްޖީތުގެ އާއިލާ ވެސް ތިބީ އެކަމާ އުފަލުން ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި ފިލްމު، "ސަރަބްޖީތް"ގައި ސަރަބްޖީތް ސިންގްގެ ރޯލު ކުޅެފައިވަނީ ރަންދީޕް ހޫޑާ އެވެ. އެ ފިލްމަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ 23.19 ކުރޯ އިންޑިއަން ރުޕީސް ލިބިފަ އެވެ.

"ސަރަބްޖީތް" އަށް މިހާރު ލިބެމުންދާ ތަރުހީބާއެކު އެ ފިލްމު ވަނީ ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށް އައިޝްވާރިޔާ ފެނިގެންދިޔަ ފިލްމު، "ޖާޒްބާ" އަށް މިހާތަނަށް ލިބުނު ފައިދާއާ ގާތްކޮށްފަ އެވެ. ފިލްމު، "ޖާޒްބާ" އަށް މިހާތަނަށް ލިބިފައި ވަނީ 25.23 ކުރޯ އިންޑިއަން ރުޕީސް އެވެ.