ވަޒީފާއެއް ހޯދަން މާލެ އައި ރަޝިޔާ މީހަކަށް ރާ ބޯން ދިނުމަށް ފަހު އޭނާއާމެދު ގަދަކަމުން އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފައިސާތަކެއް ފޭރިގަން ކަމަށް ބުނެ ރަޝިޔާ މީހަކު ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ މިވަގުތު މާލޭގައި ހުރި ރަޝިޔާގެ ފިރިހެނަކު އެފަދަ މައްސަލައެއް ފުލުސް އޮފީހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކަން އިތުރަށް ބަލައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. މިވަގުތަށް މައްސަލައިގެ ތަފުސީލެއް ދެވެން ނެތް ކަމަށް ވެސް ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޑުބާއީގައި ވަޒީފާ އަދާ ކުރަމުން އައި ރަޝިޔާ ފިރިހެން މީހާ މާލެ އައިސްފައި ވަނީ "ފޭސްބުކް" މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ރާއްޖެއިން ވަޒީފާއެއް ހޯދުމަށެވެ. އޭނާ މާލެ އައުމުން ދިވެހި ފިރިހެނަކު އޭނާއާ ހަވާލުވެ، ގެއަށް ގެންގޮސް ބަނގުރާ ބޯންދީ ގަދަކަމުން އެ މީހާއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިނގީ އެވެ. އަދި އެ އަމަލު ހިންގުމަށްފަހު އެމީހާގެ ގެންގުޅުނު ފައިސާތައް ފޭރިގަތް ކަމަށް ވެސް ވެއެވެ.

ރަޝިޔާ މީހާއާއަށް މިވަގުތު އެހީތެރިވެދޭ މީހަކާ ހަވާލާދީ ސަންއަށް މައުލޫމާތު ދިން މީހާ ބުނީ ދިވެހި މީހާ، ރަޝިޔާ މީހާއަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ، މާފަންނުގައި ހުންނަ ގެއަށް ގެންދިޔަ ކަމަށާއި އެ މީހާއަށް ބަނގުރާ ބޯންދީ މަސްތު ކުރުވުމަށްފަހު ޖިންސީ ގުޅުން ހިންގީ ކޮންމެ ރެއަކުވެސް ގޭގެ ސިޓިން ރޫމުގަައި ބަރަހަނާ ފިލްމު އަޅުވައިގެން ބަލަން އިނުމަށް ފަހުގައި ކަމަށެވެ.

"މައްސަލަ ހުށަހެޅި ރަޝިޔާ މީހާ ބުނަނީ، ކޮންމެ ރެއަކުވެސް ދަންވަރު ދިވެހި މީހާ އިންނަނީ ސިޓިން ރޫމުގައި ބަރަހަނާ ފިލްމު އަޅުވައިގެން ކަމަށް. އަދި އެންމެ ފަހުން ރާ ބޯންދިނުމަށް ފަހު ގަދަކަމުން ބެހުނީ ކަމަށް،" އެމީހާ ބުންޏެވެ.