ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް 11 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސްލީގު ހޯދައިފި އެވެ.

އިޓަލީގެ މިލާނޯގައި ކުޅުނު އެ މެޗުގައި ރެއާލް މެޑްރިޑް އިން ރަނގަޅަށް ކުޅެމުން ފެނިގެން ދިޔައިރު މެޗުގެ ކުރީ ކުޅުގައި އެ ޓީމް ވަނީ އެތުލެޓިކޯ މެޑްރިޑްގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން ރެއާލް އަށް ލިބުނު ހިލޭ ޖެހުމެއްގައި ގެރެތް ބޭލް ހުރަސް ކޮށްލި ބޯޅަ އެ ޓީމްގެ ކުޅުންތެރިއެއް ފޮނުވާލި ނަމަވެސް އެތުލެޓިކޯގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލު މެޗުގެ 14 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް ކާމިޔާބް ކުރީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ޓޯނީ ކުރޫސް ނަގައިދިން ބޯޅަ ބޭލް ގޯލު ކުރު މައްޗަށް ބޮލުން ހުރަސް ކޮށްލުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެތުލެޓިކޯ ކޮޅަށް ރެއާލްގެ ފުރަތަމަ ގޯލު ރާމޯސް ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ރެއާލުން ކާމިޔާބު ކުރި ލަނޑަށްފަހު އެތުލެޓިކޯ ކުޅުން ރަނގަޅުކޮށް ނަތީޖާ އެއްވަރުކޮށްލަން ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް ރެއާލްގެ ގޯލާއި އަމާޒްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް އެތުލިޓިއޯއަށް ނުވި އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ޓީމްގެ ފަރާތުން ދާދި އެއްވަރުގެ ކުޅުމެއް ފެނިގެންދިޔަ އިރު އެތުލެޓިކޯ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ޕެންލްޓީއެއް ލިބި ބޭކަރުވެފަ އެވެ. ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ފެނާންޑޯ ޓޮރޭސް އަށް ޕެޕޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެންލްޓީ އެންތޮނީ ގްރިޒްމަން ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒްވީ ގޯލުގެ ހުރަސް ދަނޑި އަށެވެ.

ޗެމްޕިއަންސް ލީގް ފައިނަލްގައި އެތުލެޓިކޯ އާއި ރެއާލް ކުޅުނު މެޗުގައި ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް އެތުލެޓިކޯގެ ކުޅުންތެރިއެއް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

އެތުލެޓިކޯގެ ޕެނަލްޓީއަށް ފަހު ރެއާލުން ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ތަނަވަސް ކުރި އެވެ. ނަމަވެސް ދެ ފަހަރެއްގެ މަތިން ބޭލް ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު ވަނީ ހުދިފާއު ކޮށްފައެވެ.

އެތުލެޓިކޯއިން ދެ ވަނަ ހާފުގައި ކުރި ބުރަމަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 79 ވަނަ މިނެޓްގައި އެތުލެޓިކޯގެ ޖުއާންފުރާން ރެއާލްގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ޔަނިކް ފެރާރިއާ ކަރެސްކޯ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ.

ޗެމްޕިއަންސް ލީގް ފައިނަލްގައި އެތުލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު ކެރެސްކޯ ކާމިޔާބް ކުރަނީ --- ފޮޓޯ: އޭޕީ

އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެހާފްގައި ވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެތުލެޓިކޯއިން ޖެހި ހަތަރު ޕެންލްޓީގެ ތެރެއިން ފުރަތަމަ ތިން ޕެނަލްޓީ ގްރިޒްމަން އާއި ގަބީ އަދި ސައުލް ކާމިޔާބު ކުރިއިރު އެ ޓީމްގެ ހަތަރު ވަނަ ޕެންލްޓީ ޖުއާންފުރަން ޖެހިއިރު އަމާޒްވީ ގޯލުގެ ދަނޑި އަށެވެ.

ރެއާލް މެޑްރިޑް އަށް 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބް ކޮށްދިން ޕެންލްޓީ ރޮނާލްޑޯ ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ރެއާލްގެ ފުރަތަމަ ހަތަރު ޕެންލްޓީ ލޫކަސް ވަޒްކުއިޒް އާއި މާސެލޯ އާއި ބޭލްގެ އިތުރުން ރާމޯސް ގޯލުގެ ތެރެއަށް ފޮނުވާލިއިރު ފަހު ޕެންލްޓީ ކާމިޔާބުކޮށް ޗެމްޕިއަންކަން ލިބުނު ޕެންލްޓީ ކާމިޔާބު ކުރީ ރޮނާލްޑޯއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލެވެ. އެ ޓީމުން ވަނީ 11 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ ނާކާމިޔާބީއާއެކު އެ މުބާރާތުގެ ފައިނަލުގައި ކުޅެ ތިން ފަހަރަށް އެތުލެޓިކޯ ވަނީ ބަލިވެފަ އެވެ.