އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ އެކި ކުންފުނިތަކުގެ ކޯލް ސެންޓަރުތަކުގެ ތެރެއިން، ތިން ވަނައަށް އެންމެ ރަނގަޅު ކޯލް ސެންޓަރުގެ މަގާމު ދިރާގުގެ ކަސްޓަމާ ސާވިސް ޚިދުމަތަށް ލިބިއްޖެ އެވެ.

ދުނިޔޭގެ ކޯލް ސެންޓަރުތަކުގެ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ ކޮންޓެކްޓް ސެންޓާ ވޯލްޑުން ދިރާގަށް ދީފައި ވަނީ މީޑިއަމް ކެޓަގަރީގެ ބެސްޓް އިން ކަސްޓަމާ ސާވިސް އެވޯޑެވެ. ދިރާގުގެ ކަސްޓަމާ ސާވިސް އަށް ލިބުނީ، ދެކުނު އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން ބްރޯންޒް އެވޯޑެވެ.

ދިރާގަށް މި އެވޯޑު ލިބުނީ، އޭޝިއާ ޕެސިފިކް ސަރަހައްދުގައި، ތަރައްގީވެފައިވާ ބައެއް ގައުމުތަކުގެ ބޮޑެތި ކުންފުނިތަކާ ވެސް ވާދަ ކޮށްގެންނެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޑީއެޗްއެލް، އިންޑޮނޭޝިއާގެ ބޭންކް ނެގަރާ އަދި ޖަޕާނުގެ އެސްއެމްބީސީ ނިކޯ ސެކިއުރިޓީ އިންކް ފަދަ ކުންފުނިތައް ހިމެނެ އެވެ.

ދިރާގުން ބުނި ގޮތުގައި، އެ އެވޯޑު ދެނީ، އެ ތަނެއްގެ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރާއި، މަސައްކަތުގެ މާހައުލާއި، މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މީހުންގެ މަސައްކަތް ބާރުވެރިކުރުމާއި އަގުވަޒަންކުރުމުގެ މިންވަރުގެ އިތުރުން، މުވައްޒަފުންނަށްދޭ ތަމްރީނާއި އޭގެ ފެންވަރުގެ މައްޗަށް ބެލުމަށް ފަހު އެވެ.

ދިރާގަށް އެ އެވޯޑު ލިބުމާ ގުޅިގެން، އެކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ މެނޭޖަރު މުހައްމަދު އަޒްލީމް ވިދާޅުވީ، ދިރާގުގެ ފްރަންޓް އޮފީހަކަށް ޒިޔާރަތް ކުރާ ކަސްޓަމަރަކަށް ލިބޭނެ ހުރިހާ ޚިދުމަތެއް ކަހަލަ ގޮތަކަށް، ދިރާގު ކަސްޓަމާ ސާވިސް އަށް ގުޅައިގެން ފޯނު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

"އެހެންކަމުން ދިރާގުގެ ކޮންޓެކްޓް ސެންޓަރު މި ވަނީ ޒަމާނީ އެކްސްޕީރިއެންސް ސެނޓަރަކަށް ބަދަލުވެފައި. އަޅުގަނޑުމެން މިހާރު މި ވަނީ ކަސްޓަމަރުންނަށް ފޯންކޯލު، އީމެއިލް، އައިވީއާރު އަދި ސޯޝަލް މީޑިއާގެ އިތުރުން ކަސްޓަމާ އޭޖެންޓަކާއި ލައިވްކޮށް ޗެޓް ކުރައްވައިގެން ވެސް ހިދުމަތް ލިބިގަނެވޭ ގޮތަށް ދިރާގު އެކްސްޕީރިއަންސް ސެންޓަރު ފަރުމާކޮށް ހިދުމަތް ފުރިހަމައަށް ދޭން ފަށާފައި،" އަޒްލީމް ވިދާޅުވި އެވެ.

ދިރާގުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި، ދިރާގު ކޯލް ސެންޓަރުން ދުވާލަކު 18،000 ފޯނުކޯލަށް ޖަވާބު ދެ އެވެ. އަދި ޕީކު ދުވަސްތަކުގައި މި އަދަދު އިތުރުވެ އެވެ. ދިރާގުގެ ކޯލް ސެންޓަރުގެ ޚިދުމަތް ދެނީ، ހދ. ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން މާލޭގައި ހުންނަ ދިރާގު ހެޑް އޮފީހުންނެވެ. މި ދެ ތަނުގައި ވެސް، ކޯލް ސެންޓަރުގެ 90 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.