29 May 2016, 01:09
މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ދޫކޮށްލުމަށް ހައި ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
ތިނަދޫއިން ހައްޔަރުކޮށްގެން މާލެ ގެނައުމަށްފަހު ގާޒީ އިބްރާހިމް ރަޝީދުގެ ބަންދުގެ މުއްދަތު ޖެހުމަށް ހައި ކޯޓަށް ހާޒިރު ކުރީ މިރޭ 10:00 ޖެހިފަހުން އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބަންދުގެ ޝަރީއަތް، ތިން ގަޑިއިރަށް ކުރިއަށް ދިޔަ ކަމަށްވެ އެވެ.
އުމުރުން 38 އަހަރުގެ އިބްރާހީމް ރަޝީދު ރޭ ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހައްޔަރު ކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އިބްރާހީމް ރަޝީދު ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން، ފަނޑިޔާރަކު ނުވަތަ ގާޒީއަކު ހައްޔަރު ކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަމުރަކުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރާނަމަ އޭނާ ހައްޔަރުކުރަން ޖެހޭނީ އޭނާ ނުހިމެނޭ ގޮތަށް އެކުލަވާލާ ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް މުއްދަތު ޖަހަން ހައި ކޯޓަށް ހާޒިރުކުރަން ޖެހޭކަމަށް ގާނޫނުގައި ބުނެފައެއް ނުވެ އެވެ.
ނަމަވެސް ދާދި ފަހުން ހައްޔަރު ކުރި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ފަރާތް މުއްދަތުޖަހަން ހާޒިރުކުރަން ވާނީ އެ ކޯޓަށް ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއީ ކޮން އުސޫލެއްގެ ދަށުން ކަމެއް ނޭނގެ އެވެ.
ގާނޫނުގައި ވަކިން ކަމަކަށް ރިއާޔަތްކޮށް ނުބުނާހާ ހިނދަކު އަމަލުކުރަން ވާނީ އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ބުނެވައިވެ އެވެ.