28 May 2016, 20:50
ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާއަކަށް 17 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ހިއްސާއަކަށް 17 ރުފިޔާ ބެހުމަށް އެ ކުންފުނިން ނިންމީ، މިރޭ ކުރުނބާ މޯލްޑިވްސްގައި ކުރިޔަށް ދިޔަ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުންގެ އަގުލަބިއްޔަތުން އެގޮތަށް ފާސްވެގެންނެވެ.
ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ 91.4 މިލިއަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ.
މި ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތައް ވަނީ ފާސްކޮށްފަ އެވެ. އަދި ބޭންކުގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާންސްޓް އެންޑް ޔަންގް އައްޔަނުކޮށް، 89،173 އެމެރިކާ ޑޮލަރުގެ އުޖޫރައަކަށް ފާސްކޮށްފައިވެ އެވެ.
ބީއެމްއެލްއަށް 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 679 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ސާފު ފައިދާއާ އަޅާ ބަލާއިރު 136 ޕަސަންޓުގެ ކުރިއެރުމެކެވެ.
މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، ބީއެމްއެލްގެ ބޯޑަށް ވަނީ ޑިރެކްޓަރުން ވެސް އައްޔަނު ކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރަން ހުށަހެޅި އަށް ޑިރެކްޓަރުން ވެސް ވަނީ ހިއްސާދާރުންގެ 3،459،744 ވޯޓާއި އެކު ބޯޑަށް އައްޔަނު ކުރަން ފާސްވެފަ އެވެ.
އެ ޑިރެކްޓަރުންނަކީ ބީއެމްއެލްގެ ޗެއާޕާސަންގެ ގޮތުގައި މީގެ ކުރިންވެސް ހުންނެވި ފަރީހާ ޝަރީފް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ، ބީޢެމްއެލްގެ ރީޓެއިލް ބޭންކިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް، މުރްތަޟާ މުހައްމަދު ދީޑީ، މުހައްމަދު ލުވައިޒް، އަބްދުލް ހާރިސް، މުހައއްމަދު އުމަރު އަދި އާއިޝަތު އަރުޝާ އެވެ.
އެ އަށް ބޭފުޅުންގެ އިތުރުން، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހިއްސާދާރުންގެ ފަރާތުން ކުރިމަތިލެއްވި ތިން ހިއްސާދާރުން ވެސް ވަނީ، 332،168 ވޯޓާއި އެކު ބޯޑަށް އައްޔަނު ވެފަ އެވެ. ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލައި، ބޯޑަށް އައްޔަނުވި ބޭފުޅުންނަކީ މއ. ޓިއުލިިޕްވިލާ މުހައްމަދު އަބްދުލްސައްތާރު، ނ. ހޮޅުދޫ ނެލަމް، އިބްރާހިމް މުހައްމަދު އަދި މ. އެގްޒެޓާ އިބްތިޝާމާ އަހްމަދު ސައީދެވެ.