ކުޑަކުދިންގެ ކައިވެނި ކުރުވުމަކީ އަވައްޓެރި އިންޑިއާގައި އާންމު ކަމެކެވެ. މިހާރު އެ ގައުމުގެ ގާނޫނުގައި އެއީ މަނާ ކަމެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަދިވެސް ބައެއް ހިސާބުތަކުގައި ކުޑަކުދިންގެ ކައިވެނި ކުރުވުން އެއީ އާންމު ކަމެކެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން އަންހެން ކުއްޖެއްގެ ކައިވެނި ކުރެވޭނީ އެކުއްޖާގެ އުމުރުން 18 އަހަރު ވުމަށް ފަހު އެވެ. އަދި ފިރިހެން ކުދިންގެ ކައިވެނި ކުރުވޭނީ 21 އަހަރު ވުމަށް ފަހު އެވެ.

ނަމަވެސް ގުޖުރާތު، މަހާރާޝްތުރާ، އަންދުރަ ޕްރަދޭޝް، ރާޖަސްތާން، ކަރުނާޓަކާ އަދި އުއްތަރު ޕްރަދޭޝްގައި ވެސް އެއަށް ވުރެ ހަގު ކުދިންގެ ކައިވެނި ކުރުވުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

އިންޑިއާގެ އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ އިން ދައްކާ ގޮތުން، އިންޑިއާގައި 10 އަހަރު ނުވަނީސް ކައިވެނި ކުރި ކުދިންގެ އަދަދު އެއީ 1.21 ކުރޯޑު (12.1 މިލިއަން) އަށް އަރަ އެވެ. އެއީ ކައިވެނިކޮށްގެން އުޅޭ މީހުންގެ 1.89 ޕަސެންޓެވެ.

އުމުރުން 10 އަހަރު ވުމުގެ ކުރިން ކައިވެނި ކުރި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތް ވަނީ ރާޖަސްތާނަށެވެ. ރާޖަސްތާނުގައި 10.29 ލައްކަ މީހުން ކައިވެނި ކޮށްފައި ވަނީ އުމުރުން 10 އަހަރު ފުރުމުގެ ކުރިންނެވެ. އެއީ ރާޖަސްތާނުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ އާބާދީގެ 2.88 ޕަސެންޓެވެ.

ގުޖުރާތުގައި 10 އަހަރު ފުރުމުގެ ކުރިން ކައިވެނި ކުރި މީހުންގެ އަދަދު ހަތް ލައްކަ އަށް ވުރެ ގިނަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 4.67 ލައްކަ އަންހެނުންނާއި 2.36 ލައްކަ ފިރިހެނުންނެވެ. އެއީ ގުޖުރާތުގެ ކައިވެނި ކޮށްގެން އުޅޭ އާބާދީގެ 2.09 ޕަސެންޓެވެ.