14 May 2011, 08:48
ޢަބްދުﷲ ޝިނާން
ސިޔާސީ މައިދާނުގައި ދާއިމީ އެކުވެރިއެއްވެސް އަދި ދާއިމީ ހަތުރެއް ވެސް ނުހުންނާނޭކަން މިއީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ހުރި ކޮންމެ މީހަކު ވެސް ދަންނާނޭ ހަޤީގަތެކެވެ. މިއީ ސިޔާސީ ގޮތުން އަޅުގަޑުމެން ކަހަލަ ޅަ ސިކުނޑިތަކަކަށް ނަގައި ގަންނަން އުދަގޫ ކަމަކަށް ވެދާނެއެވެ. އަދި ގަބޫލުކުރަން ވެސް ދަތި ކަމަކަށް ވެދާނެއެވެ. އެކަމަކު މިއީ ހަޤީގަތެވެ.
ދުނިޔޭގެ ތަރައްޤީވެފައި ތިބި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުންވެސް މި ޙަޤީގަތް މިދަނީ ފެންނަމުންނެވެ. މީގެ އަލިގަދަ ދަލީލަކީ ބަރުލަމާނީ ވެރިކަމުގެ ނިޒާމެއް ޤާއިމުވެފައިވާ އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީ ތެރޭގައި ހިނގާދިޔަ އަރާރުމާއި ބައިބައިވުމެވެ. އޭރު ސަރުކާރު ހިންގާ ލޭބަރ ޕާޓީގެ އެންމެ މަގްބޫލު ދެބޭފުޅުން ކަމުގައިވާ އޭރުގެ ޗާންސެލާރ އޮފް ދި އެކްސްޗެކަރ އަދި ފަހުން ބޮޑުވަޒީރުކަން ވެސް ކުރެއްވި ގޯރޑަން ބްރައުނާއ، އޭރުގެ ޕްރައިމް މިނިސްޓަރ ޓޯނީ ބްލެއަރގެ އަރާރުމެވެ. މި ދެބޭފުޅުންނަކީ 18 އަހަރަށް ފަހު ލޭބަރ ޕާޓީއަށް ރައްޔިތުންގެ ތާއީދު ހޯދައި ދިނުމަށްޓަކައި ނީލް ކިނޮކް ފެއްޓެވި އިސްލާޙީ މަސައްކަތްތައް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ދެބޭފުޅުންނެވެ. ވަރަށް ގާތް ވަރަށް އެކުވެރި ދެބޭފުޅުންނެވެ. އެ ދެބޭފުޅުންގެ ޒައާމަތުގައި، 1997 ވަނަ އަހަރު "ނިއު ލޭބަރ" ގެ ނަމުގައި ލޭބަރ ޕާޓީ ރީބްރޭންޑްކޮށް މިހާތަނަށް އެޕާޓީގެ ތާރީހުގައި ނުދެކޭފަދަ ފުރިހަމަ ކެންޕެއިނެއް ކުރައްވައި މުޅި އިނގިރޭސި ވިލާތް ސިއްސުވަލިއެވެ. ކޮންޒަރވޭޓިވް ޕާޓީގެ 18 އަހަރު ވީ ދިގު ވެރިކަން މި ޒުވާން ދ ެލީޑަރުންގެ މަސައްކަތުން ނިމުމަކަށް އައެވެ. އެންމންެވެސް ބުނަމުން އައި ގޮތުން ޓޯނީ ބްލެއަރަށް ފަހު ލޭބަރ ޕާޓީގެ ޒައާމަތާ ހަވާލުވާން އެންމެ އެކަށީގެންވާ ބޭފުޅަކީ ގޯރޑަން ބްރައުނެވެ. ބްރައުން އެ މަޤާމަށް ތައްޔާރުވެވަޑައިގެން ހުންނަވާތާ އެތައް އަހަރެއް ވީ އިރުވެސް އެކަމަށް ބްލެއަރ އިޖާބަދެއްވި ތަނެއް ނުފެނުނެވެ. 9 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި އިރުވެސް ޓޯނީ ބްލެއަރގެ "ވެރިކަމުގެ އަލާ" ނުކެނޑުމުގެ ނަތީޖާއަކަށްވީ ދެ މިތުރުން ދެ ހަތުރުންނަށް ބަދަލުވެގެން ދިޔުމެވެ.
ބްލެއަރާއި ބްރައުންގެ ގުޅުން ގޯސްވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ބްރައުންވަނީ ޓޯނީ ބްލެއަރ ރިޔާސަތު ބަލަހައްޓަވާ ޖަލްސާތަކަށް ވަޑައިގަންނަވަން ދެކޮޅުހައްދަވާފައެވެ. ދާދި ފަހުން ބްލެޔަރ ނެރުއްވި އޮޓޯބަޔޮގްރަފީ "އަ ޖާރނީ" ގައި ލިއުވާފައިވާ ގޮތުން ބައެއް ފަހަރު ކެބިނެޓް ބައްދަލުވުންތަކުގައި ވަޒީރުންގެ ހާޒިރުގައި ވެސް ބްރައުން ކޯފާވެ، ބްލެއަރާ ދިމާލަށް އަޑުގަދަކުރައްވާފައިވައި ވެއެވެ. އަދި ބްލެއަރ ފާހަގަކުރައްވާފައި ވާގޮތުން ބްރައުންއަކީ "މުސީބާތަކަށް" ވާނެކަމަށް އޭނާއަށް ކުރީންވެސް ވިސްނިވަޑައިގެންފައި ވެއެވެ. ދެބެފުޅުންގެ ހަނގުރާމަ ގަދަވެގެން އެންމެ ފަހުން 2007 ވަނަ އަހަރުގެ ޖޫން މަހު ބްލެއަރ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިއެވެ. އަދި އޭގެފަހުން ބްރައުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. މިއަދާ ހަމައަށްވެސް މި ދެބޭފުޅުންނަކީ ބޮޑު ދެ ހަތުރުންނެވެ. މިއީ ތަރައްޤީވެފައިވާ ޤައުމެއްގެ ވާހަކައެވެ.
ދެން ތަރައްޤީވަމުން އަންނަ އޭޝިޔާގެ ޤައުމަކަށް ބަލާލަމާ ހިންގަވާށެވެ. އޭޝިޔާގެ ވަރުގަދަ އިޤްތިޞާދީ ބާރެއް ކަމުގައިވާ މެލޭޝިޔާގެ ވާހަކަ އައްސަވާށެވެ. މެލޭޝިޔާ އިޤްތިޞާދީ ބާރަކަށް ވުމުގެ ހަޤީޤީ މޭސްތިރިއަކީ ކުރީގެ ބޮޑުވަޒީރު މަޙާޟިރު މުޙައްމަދެވެ. މަޙާޟިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރުގައި (ޑރ. މަޙާޟިރު މުހައްމަދު މެލޭޝިޔާގައި 22 އަހަރު ވެރިކަން ކުރެއްވިއެވެ) އޭނާ އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އޭނާގެ ޑެޕިއުޓީ އަންވަރު އިބްރާހިމެވެ. މަޙާޟިރުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށްޓަކައި އަންވަރު ރޭއްވެވުންތަކެއް ރޭއްވެވިއެވެ. ނަމަވެސް މަޙާޟިރަކީ ސިޔާސީ ގޮތުން ހުޝިޔާރު ބޭފުޅަކަށް ވުމުން އަންވަރުގެ ރޭއްވެވުންތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބޮޑުވަޒީރެއްގެ ހައިސިއްޔަތުން މަޙާޟިރަށް ލިބިވަޑައިގެންފައި އޮތް ބާރުތައް ބޭނުންކުރައްވައި، އަންވަރު އިބްރާހިމްގެ މައްޗަށް ކޮރަޕްޝަނާއި ބަދުއަހުލާގީ މައްސަލަތަކެއް އުފުލައި، އެންމެ ފަހުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އައެވެ. މަޙާޟިރުގެ ވެރިކަން އަބްދުﷲ ބަދާވީއާ ހަވާލުކުރެއްވި އިރުވެސް އަންވަރު ހުންނެވީ ބަންދުގައެވެ. މިނިވަންވެވަޑައިގަތީ އޭގެ ފަހުންނެވެ. މިއަދު މަޙާޟިރާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުއްލަވާ އެއް ބޭފުޅަކީ، އެންމެ ބޮޑު އެއް ހަތުރަކީ ކުރީގެ މިތުރު، އަދި އަޚް އަންވަރު އިބްރާހިމެވެ.
ދެން އޮތީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ވާހަކައެވެ. އަޅުގަޑުމެންގެ ދިވެހިރާއްޖެ ކަހަލަ ތަންތަނުގެ ވާހަކައެވެ. އަޅުގަޑުމެންގެ މި ކުޑަކުޑަ ސިޔާސީ މައިދާނުގައިވެސް ކަން ހިނގަނީ ހަމަ މިޒާތަށެވެ. މިއީ ފޮރުވެން ނެތް ފުހެލަން ދަތި ތާރީޚީ ހަޤީޤަތްތަކެވެ. މިކަހަލަ ހަޤީޤަތްތައް ބައިވަރެވެ.
މީގެ އަހަރުތަކެއް ކުރިން ދިވެހި ރާއްޖޭގެ އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. މި ދެންނެވި ބަހުގެ ހެއްކެއްގެ ގޮތުގައި އިލްޔާސް އިބްރާހިމްގެ އަތްޕުޅުގައި މުޅި ދިވެހިރާއްޖޭގެ ދިފާއީ ބާރު، ސިފައިންގޭގެ ވެރިކަން އޮތުން ފުދެއެވެ. އިލްޔާސް އިބްރާހިމަށް ވެރިކަމުގައި ހުރި މީރުކަމުގެ ހުވަފެންތައް ފެނިވަޑައިގެން، މި ޤައުމުގައި ވެރިކަން ކުރެއްވުމުގެ އެދުންފުޅު އޭނާގެ ކިބައިގައި އުފެދުނެވެ. ނަމަވެސް މައުމޫނު ހުންނެވީ ވެރިކަން ދޫކޮށްލައްވާކަށް ނޫނެވެ. އިލްޔާސް ގެންދެވީ ވެރިކަމުގެ ގޮނޑިއަށްޓަކައި ހެއްދެވެން ހުރި ހުރިހާ މަންތަރުތަކެއް ހައްދަވަމުންނެވެ. ނަމަވެސް އިލްޔާސްގެ މަންތަރުތައް ކާމިޔާބެއް ނުވިއެވެ. ސިޔާސީ އިލްމުވެރިން ވިދާޅުވަނީ "ދަ ފިޓެސްޓް ވިލް ސަރވައިވް" އެވެ. މާނައަކީ ޤާބިލިއްޔަތުކަން އެންމެ ބޮޑަށް ހުރި މީހަކު ކާމިޔާބީގެ އައްސޭރިއަށް ދާނެޔޭއެވެ. އެ އުސޫލުން އެއިރު ކާމިޔާބު ހޯއްދެވީ މައުމޫނެވެ. އިލްޔާސަށް ޖެހުނީ ގިއްގެޅުވިގެން ދާށެވެ. އޭގެ ފަހުން އިލްޔާސްގެ ސިޔާސީ ކެރިއަރަށް ޙަޤީޤަތުގައި ހިންދެމިއެއްނުލެވުނެވެ. އެއްއިރެއްގައި އިލްޔާސަކީ މައުމޫން އެންމެ އިތުބާރުކުރެއްވި އިހްލާސްތެރި މިތުރާއެވެ. ނަމަވެސް އެހަގީގަތް ބަދަލުވީއެވެ. މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރު ނިމިގެން ދިޔައިރު ވެސް އިލްޔާސް ހުންނެވީ އޭނާގެ ރަން ޒަމާނާ އަޅާބަލާ އިރު ސިޔާސީ ގޮތުން ނިކަމެތި ބޭފުޅެއްގެ ގޮތުގައެވެ.
4 ސެޕްޓެންބަރ 2004 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލްގައި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވިއެވެ. "ދެން އަޅުގަޑު ކިޔާނީ އަންނި. ނަޝީދުއެކޭ ނުކިޔާނަން. ގާތް ރައްޓެއްސެއް. ކުޑައިރުއްސުރެ ގާތްރައްޓެއްސެއް." މިއީ އޭރުގެ އެމްޑީޕީގެ ޗެއަރޕާރސަން އަދި މިހާރު ރައީސް ނަޝީދުއާއި އިބްރާހިމް އިސްމާއީލްގެ ގާތްކަން ހާމަކުރައްވަން ވެގެން އޭނާ ވިދާޅުވި ބަސްފުޅުތަކެކެވެ. ނަމަވެސް އެ ގާތްކަން ދެކޮޅުވެރިކަމަށް ފުރޮޅުނު ގޮތް ތާރީޚުން އެ އޮތީ ރީތިކޮށް ފެންނާށެވެ. އެ ދުވަސް ހަނދާނަށް ގެންނަމާ ހިންގަވާށެވެ. ޕާޓީގެ އޭރުގެ ޗެއަރޕާރސަން، މިހާރުގެ ރައީސް ނަޝީދު އޭރު ހުންނެވީ ބަންދުގައެވެ. ޕާޓީގެ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ ހުންނެވީ ޕާޓީގެ ކަންކަން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. ޕާޓީގެ އޭރުގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސަށް ވަރަށް ސަރީހަކޮށް ލިބިދީފައި އޮތް ބާރެއް ބޭނުންކުރައްވާން ޗެއަރޕާރސަން ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތް ވެގެން ދިޔައީ އައްނިއާއި އިބްރާގެ އެކުވެރިކަން ނިމިދިޔުމުގެ ފެށުން ކަމުގައެވެ.
މާފަންނު ޔާގޫތުގޭގައި ބަންދުކުރެވިފައި ހުންނެވި އެމްޑީޕީގެ ޗެއަރޕާރސަން ނަޝީދު ބޭނުންފުޅުވީ ކައުންސިލުގެ ބައްދަލުވުންތައް އޭނާގެ ރިޔާސަތުގެ ދަށުން އޭނާ އެ ގެއެއްގައި ބަންދުގައި ހުންނެވި ޔާގޫތުގޭގައި ބޭއްވުމަށެވެ. ނަމަވެސް ޕާޓީގެ ރައީސް އިބްރާ ބޭނުންފުޅުވީ އޭނާގެ ރިޔާސަތުގައި އޭނާ ކަނޑައަޅުއްވާ ތަނެއްގައި ބައްދަލުވުންތައް ބާއްވާށެވެ. މިގޮތުން ދެ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ ހުތުރު އަމަލުތައް ހިނގައިގެން ދިޔައެވެ. އެގޮތުން، ބައްދަލުވުންތައް ޔާގޫތުގޭގައި ބޭއްވި، އެ ބައްދަލުވުންތަކަށް އިބްރާ ވަޑައިގަންނަވާ ގަޑިޔަށް ޔާގޫތުގޭގެ ލިފްޓުން ކަރަންޓުކަނޑާލާފައި ހުރުން ކަހަލަ ކަންތައްތައް ވެސް ހިނގި ކަމަށް ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައި ވެއެވެ. މި ހުރިހާ ކަމަކާ އެކު ދެ ބޭފުޅުންގެ މެދުގައި ހޫނު ބަސްތައް ބަދަލްކުރެވި ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ދިފާއުގައި ބަޔާންތައް ދެއްވަމުން ގެންދެވިއެވެ. އާހިރު ނަތީޖާއަކަށް ވީ އެމް.ޑީ.ޕީ.ގެ މެންބަރުންގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އިންތިހާބު ވެވަޑައިގެންފައި ހުންނެވި، ޕާޓީގެ ފުރަތަމަ ރައީސް އިބްރާ މަގާމުން އިސްތިއުފާދެއްވަން ޖެހުމެވެ. އިސްތިއުފާ ދެއްވި ސަބަބާމެދު ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ޕާޓީގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ރައީސެއްގެ ހައިސިއްޔަތުން ދެން ކުރެވޭނޭ މާ ބޮޑުކަމެއް އޮތް ކަމަށް ނުފެންނާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
އިބްރާ ހަމައެކަނި އިސްތިއުފާ ދެއްވީކީ ވެސް ނޫނެވެ. އެމްޑިޕީގައި ތިއްބެވި އިބްރާގެ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުންކޮޅަކާ އެކު ޕާޓީ ދޫކުރައްވައި، ޝޯޝަލް ލިބަރަލް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަ ވެސް ކުރެއްވިއެވެ. ނަމަވެސް މި ހުރިހާ ދެކޮޅުހެދުންތަކަކަށް ފަހު، ދެ ބޭފުޅުން އަނެއްކާވެސް "މިތުރުންނަށް" ވީއެވެ. މިހާރު އިބްރާ ހުންނެވީ ރައީސުލްޖުމްހުރިޔާގެ ހާއްސަ މުޝީރުކަމުގެ މަގާމުގައެވެ.
މިހާރު ޑީ.އާރު.ޕީ. ތެރެއިން މި ފެންނަ މަންޒަރުތަކަށް ބައްލަވާށެވެ. ރައީސް މައުމޫނު ސިޔާސީ ކަންކަމާ ދުރުވެވަޑައިގެން، އެމަނިކުފާނުގެ އިތުބާރާއި ޔަގީންކަން ދެއްވި ޑީ.އާރު.ޕީ.ގެ މިހާރުގެ ލީޑަރ ތަސްމީން އަލީ އާއި ދެމެދު ހިނގާ ސިޔާސީ ހަނގުރާމައަށް ބައްލަވާށެވެ. ޑީ.އާރު.ޕީ.ގެ ލީޑަރ ތަސްމީނަކީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ ރަނިންގމޭޓެވެ. އަދި ވަޒީރުކަމުގެ އިތުރުން މައުމޫނުގެ ވެރިކަމުގެ އެތެރެކޮއިލުގައި އިސްބަސް ވިދާޅުވި ބޭފުޅެކެވެ. މައުމޫނު ޑީ.އާރު.ޕީ.ގެ ލީޑަރުކަން ތަސްމީނަށް ދެއްވަން އާނބަސް ވިދާޅުވަންދެން ތަސްމީނު ފެންނަމުން ދިޔައީ ޒައީމާ ވަރަށް ގާތް، ވަރަށް އިހްލާސްތެރި، ވަރަށް އެކުވެރި، ވަރަށް ތެދުވެރި ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ލީޑަރުކަން ލިބިވަޑައިގެންނެވުމަށްފަހު ތަސްމީން ޒައީމުގެ މަގުން ކަސިޔާރުވެވަޑައިގެންނެވިއެވެ. މިހާރު ދެ ބޭފުޅުންގެ ދެކޮޅުވެރިކަން ހުރި މިންވަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ހަތަރުކަޅި ހަމަކުރައްވާން ވެސް ރުހިވަޑައިގަންނަވާނެޔޭ ހީއެއް ނުވެއެވެ. ނަމަވެސް މިއަދު އެއީ ދެ ހަތުރުންނެވެ. ކުރީގެ މިތުރުން ކަމަށް ވިޔަސް، މިހާރު ބޮޑު ދެ ހަތުރުންނެވެ.
މިކަހަލަ އެތަކެއް މިސާލުތަކެއް ދުނިޔޭގެ ތާރީހުން ދަނީ ފެންނަމުންނެވެ. އަޅުގަނޑުމެންގެ ތެރެއިންވެސް މިފަދަ މިސާލުތައް މި ދަނީ ފެންނަމުންނެވެ. ސިޔާސީ މައިދާނުގައި ޙަޤީޤީ އެކުވެރިކަމަކަށް އުންމީދުކުރާނީ މޮޔައިންނެވެ. ސިޔާސީ މައިދާނުގައި ދާއިމީ އެކުވެރިއެއް ވެސް އަދި ދާއިމީ ހަތުރެއް ވެސް ނުހުންނާނެއެވެ. އެއީ މަކަރާއި ހީލަތުގެ މައިދާނެކެވެ.