28 May 2016, 16:02
މި އަހަރުގެ ފުރަތަމަ ކުއާޓާގައި، ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ފައިދާގެ ގޮތުގައި 18.6 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.
ދިވެހި ސަރުކާރުގެ 49 ޕަސަންޓު ހިއްސާ، އަދި ބޭރުގެ ތިން ކުންފުންޏެއްގެ 51 ޕަސަންޓު ހިއްސާ އޮންނަ އެޗްޑީއެފްސީއިން އާންމުކޮށްފައިވާ، މިއަހަރު އެކުންފުންޏަށް ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީއާ ފައިދާގެ ހިސާބުތައް ދައްކާ ގޮތުގައި، ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 34.8 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅައިބަލާއިރު 6.36 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބުނީ 32.7 މިލިޔަން ރުފިޔާގެ އާމްދަނީ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެޗްޑީއެފްސީއަށް ފައިދާގެ ގޮތުގައި 21.3 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، ޓެކުހަށް ކެނޑުމަށްފަހު 18.6 މިލިޔަން ރުފިޔާގެ ފައިދާ ޖެހިފައި ވެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 17.2 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު ޓެކްސް ކެނޑުމުން އެ އަދަދު ވަނީ 16.7 އަށް ދަށްވެފަ އެވެ.
އެހެންކަމުން ފުރަތަމަ ކުއާޓާގެ ސާފު ފައިދާ ވަނީ، 2015 ގެ ފަހު ކުއާޓާއާ އަޅައިބަލާއިރު 11.22 ޕަސަންޓު އިތުރުވެފަ އެވެ.
ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެޗްޑީއެފްސީގެ ހިންގުމުގެ ޚަރަދު ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅައިބަލާއިރު 1.9 މިލިޔަން ރުފިޔާ އިތުރުވެފަ އެވެ. އެހެން ނަމަވެސް ލޯނުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުން 2016ގެ ފުރަތަމަ ކުއާޓާގައި ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ތިން ލައްކަ ރުފިޔާ ކުޑަ ކޮށްފަ އެވެ.
އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.
އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސަންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި، 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.