އެތެންސް (މޭ 27) : ރަޝިޔާއާ ކުރިމަތިލުމަށް އެމެރިކާ ބިނާކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމުގެ ބައިތައް ހުރި ދެގައުމު ކަމަށްވާ ޕޮލެންޑާއި ރުމޭނިޔާ ވަނީ ރަޝިޔާގެ ސްޓްރެޓީޖިކް މިސައިލްގެ އަމާޒުގެ ތެރޭގައި ކަމަށް ރައީސް ވްލަޑިމިޔާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ގްރީސް އަށް ކުރައްވާ ދަތުރުފުޅެއްގައި އެތެންސްގައި އެގައުމުގެ ބޮޑުވަޒީރު އެލްކްސީސް ސިޕްރާސް އާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ގުޅިފައިވާ ނޫސްކޮންފަރެންސެއްގައި ޕޫޓިން ވިދާޅުވީ ރަޝިޔާ އަށް ނުރައްކާކުރާ ނިޒާމެއްގެ ރުމޭނިޔާ އާއި ޕޮލެންޑްގައި ރުކުރުވާލާފައި ވާތީ ރަޝިޔާގެ ސްޓްރެޓީޖިކް މިސައިލްތައް އެ ދެ ގައުމަށް އަމާޒުކުރާނެކަން އެ ދެ ގައުމުގެ ސަރުކާރާއި ރައްޔިތުން ދަންނަންޖެހޭނެ ކަމުގަ އެވެ. އީރާނާއި އުތުރުކޮރެޔާއާ ދެކޮޅަށް ކަމަށްބުނެ އެމެރިކާ ބިނާކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމު ގެ ބައިތައް ހުރީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ޕޮލެންޑާއި ރުމޭނިޔާގަ އެވެ.

މި ނިޒާމު އަމާޒުކޮށްފައި ވަނީ އީރާނާއި އުތުރުކޮރެޔާ އިން ޔޫރަޕަށް ދީފާނެ މިސައިލް ހަމަލާތަކަކާ ދެކޮޅަށް ކަމަށް އެމެރިކާ ބުނި ނަމަވެސް އެއީ އޮޅުވާލުމެއްކަމަށާ އެމެރިކާގެ އަމާޒަކީ ރަޝިޔާ ކަމަށް ރައީސް ޕޫޓިން ވިދާޅުވި އެވެ. އީރާނާއި އުތުރުކޮރެޔާ ޔޫރަޕަށް މިސައިލުން ޙަމަލާދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި އެމެރިކާގެ އަމާޒަކީ އޮޅުވާލުމެއްގެ ތެރެއިން ރަޝިޔާގެ ބެލްސްޓިކް މިސައިލްތަކަށް ހުރަސްއަޅާނެ ނިޒާމެއް ރަޝިޔާގެ ބަނޑުދަށުގައި ބިނާކުރުންކަމަށާއި މިފުރްސަތު އެމެރިކާއަށް ނުދޭނެ ކަމަށް ރަޝިޔާ ބުނެ އެވެ. (ރޮއިޓާސް)