ޔޫރޯއަށް ތައްޔާރުވާ އިނގިރޭސި ސްކޮޑްގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި ޒުވާން ފޯވާޑް މާކްސް ރަޝްފާޑް ގޯލެއް ކާމިޔާބް ކޮށް އޭނާގެ ހުނަރު ދައްކާލައިފި އެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު އެ މެޗު 2-1ގެ އޮސްޓްރޭލިއާގެ މައްޗަށް އިނގިރޭސިން ކުރި ހޯދި އިރު އެ ޓީމްގެ ފުރަތަމަ ގޯލު މެޗުގެ ތިން ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަޝްފާޑް އެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ އޮސްޓްރޭލިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ރަހީމް ސްޓާލިން ހުރަސް ކޮށްލަން ޖެހި ބޮޅަ ބްލޮކް ވެގެން ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ރަޝްފާޑް އަށް ލިބުމުން ހަމަޖެހިލާފައި ހުރެ ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.

އޮސްޓްރޭލިއާ އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ ފުރަތަމަ ގޯލު ރަޝްފާޑް ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އުމުރުން 18 އަހަރުގެ ރަޝްފާޑްގެ އެ ގޯލާ އެކު އޭނާ ވެގެން ގޮސްފައި ވަނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބު ކުރި އެންމެ ޒުވާން ކުޅުންތެރިއާ އަށެވެ. މެންޗަސްޓާ ޔުނައިޓެޑަށް މިދިޔަ ފެބްރުއަރީ މަހު ގުޅުނު ހުނަރުވެރި ފޯވާޑް ވަނީ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް ގޯލެއް ކާމިޔާބުކޮށްފަ އެވެ.

ރަޝްފާޑްގެ ގޯލާ އެކު ފުރަތަމަ ހާފް އިނގިރޭސިން ކުރީގައި އޮވެ ނިމުނު އިރު އެ ޓީމްގެ ދެވަނަ ގޯލު 55 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވޭން ރޫނީ އެވެ. އެ ގޯލަށް ފަހު ވެސް އިނގިރޭސިންނަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ރަޝްފާޑް އޮސްޓްރޭލިއާ ޕެންލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ރޫނީ އަށް ވަނީ ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.

އޮސްޓްރޭލިއާ އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ ދެވަނަ ގޯލު ރޫނީ ކާމިޔާބު ކުރުމަށް ފަހުު --- ފޮޓޯ: އޭޕީ

އޮސްޓްރޭލިއާ އިން އެ މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ގޯލަކީ، މެޗުގެ 75 ވަނަ މިނެޓްގައި އިނގިރޭސިންގެ އެރިކް ޑަޔާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އޮސްޓްރޭލިއާ ކުޅުންތެރިއަކު އިނގިރޭސިންގެ ޕެނަލްޓީ އޭރިއާ ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ޑަޔާ ސާފް ކޮށްލަން ބޮލުން ޖައްސާލުމުން ވަނީ ގޯލުގެ އެތެރެއަށެވެ.

ޔޫރޯ އަށް ތައްޔާރު ވަމުންދާ އިނގިރޭސިން މުބާރާތުގެ ކުރިން ކުޅޭ އެކުވެރިކަމުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ރަޝިޔާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން އިނގިރޭސިންގެ ފައިނަލް ސްކޮޑް އިއުލާން ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.