28 May 2016, 14:48
ހދ. ނެއްލައިދު އަށް މިއަދު ހެނދުނު ކުރި ވިއްސާރާގައި އެ ރަށުގެ ދެ ގެއަކަށް ފެން ވަދެ ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
ނެއްލައިދޫ ކައުންސިލް މެމްބަރު ފާރޫގް އާދަމް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ކުރި ވިއްސާރާގައި ރަށުގެ އެކި ހިސާބުތަކުގައި ވެސް ފެންބޮޑުވެފައިވާ ކަމަށާއި، ދެ ގެއަކަށް ފެން ވަދެ ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނެއްލައިދޫ އަށް މިއަދު ކުރި ވިއްސާރައިގައި އެރަށުގައި ފެން ބޮޑުވެފައި. --- ސަން ފޮޓޯ: ކިޔުންތެރިއެއް
ނެއްލައިދު އަށް މިއަދު ކުރި ވިއްސާރާގައި ގެއްލުންވެފައި ވަނީ އެ ރަށު ރޯޝަން އަދި އާވާޒު ކިޔާ ދެ ގެއަށެވެ.
އާވާޒު ގޭތެރެއަށް ވަރަށް ބޮޑަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
"އެގޭގައި ހިފައި ގެންގުޅޭ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފައި. ގެއްލުން ނުވާ ހަމަ އެކައްޗެއް ވެސް ނެތް،" ފާރޫގު ވިދާޅުވި އެވެ.
ފާރޫގު ވިދާޅުވީ ގޭތެރޭގައި ފޫޓެއްހާ ވަރަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި މިހާރު މަގުމަތީގައި ތިން ފޫޓެއްހާ ވަރަށް ފެންބޮޑުވެފައި ވާތީ، މިހާރު ގެއަށް ފެން ވަންނަ ދިމާލަށް ވެލި އަޅައި ބެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.