ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ދިއުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި، މުސްތަގުބަލާމެދު އިތުރު ގޮތަކަށް ވިސްނާނީ ކުރިއަށް އޮތް ޔޫރޯ 2016 ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށް ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އީޑެން ހަޒާޑް ބުނެފިއެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަނަކީ ހަޒާޑަށް އެހާ ކާމިޔާބު ސީޒަނަކަށް ނުވިއެވެ. އެގޮތުން އުމުރުން 25 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރަށް ދިމާވި އަނިޔާގެ މައްސަލަތަކާ ގުޅިގެން އޭނާއަށް މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި އެންމެ 25 މެޗު ކުޅުމުގެ ފުރުސަތު ލިބުނު އިރު، އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެވެ. 2014-15 ފުޓްބޯޅަ ސީޒަންގައި ހަޒާޑް ވަނީ އޭނާ ކުޅުނު 38 މެޗުން ޖުމުލަ 14 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެ ސީޒަންގެ ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭނާ ހޯދިއެވެ.

މިފަހަކަށް އައިސް އަޑުތައް ފެތުރިފައިވާ ގޮތުން، ހަޒާޑް ޗެލްސީއާ އެކު ހަދާފައިވާ ހަތަރު އަހަރުދުވަހުގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ޗެލްސީގެ ކުރީގެ ކޯޗް ހޯޒޭ މޮރީނިއޯ އާއެކު މެންޗެސްޓަރ ޔުނައިޓެޑާ ގުޅުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް ޔޫރޯ 2016ގެ ގްރޫޕް "އީ"ގެ ފުރަތަމަ މެޗުގައި އިޓަލީއާ ބެލްޖިއަމް އަންނަ މަހުގެ 13 ވަނަ ދުވަހު ބައްދަލުކުރާ މެޗުގައި އިޓަލީގެ ގައުމީ ކޯޗް އެންޓޯނިއޯ ކޮންޓޭއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަޒާޑް ބުނީ، އޭނާ ޗެލްސީގައި މަޑުކުރާނޭ ކަމަށާއި އަދި އެކަމާ ގުޅޭގޮތުން އެ ކްލަބާ ހަވާލުވާން ތައްޔާރުވަމުން އަންނަ ކޮންޓޭއާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

"އަހަރެމެން ދެމީހުން ކުޑަކޮށް ވާހަކަދެއްކިން" ހަޒާޑް ބުންޏެވެ.

"އަހަރެމެން ބުނިން، އަހަރެމެން ދެމީހުން ސަލާމް ކުރާނަމޭ [އިޓަލީއާ ބެލްޖިއަމް] މެޗަށްފަހު. އެއީ އެހާ ފަސޭހަކަމެއް."

ހަޒާޑް ބުނީ، ފުޓްބޯޅައިގައި އެއްވެސް ކަމެއް ދުރާލައި ކަށަވަރުކޮށް ބުނަން ނޭނގޭނެ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހިތުގައި އޮތީ އަދިވެސް ޗެލްސީގައި މަޑުކުރުން ކަމަށެވެ.

"އަހަންނަކަށް ނުބުނެވޭނެ 100 ޕަސެންޓް ޔަގީންކަމާއެކު އަހަރެން ކްލަބްގައި މަޑުކުރާނަމެކޭ، އެހެން ބުނެފަ މާދަމާ އެހެން ކްލަބަކަށް ދިޔައިމަ އެއީ ރަނގަޅު ގޮތެއް ނޫން،" މުސްތަގުބަލުގައި ކޮންމެ ގޮތަކަށް ވެސް ނިންމަން ޖެހިދާނެކަން ފާހަގަކުރަމުން ހަޒާޑް ބުންޏެވެ.

"މިވަގުތު އަހަރެންގެ ވިސްނުން ހުރީ ހަމައެކަނި ޔޫރޯއަށް، އަދި އަހަރެން ތައްޔާރުވަމުން މިދަނީ އެ މުބާރާތަށް. ޗެލްސީއާ މެދު ފަހުން ވިސްނާނަން."

ބެލްޖިއަމްގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއަށް އަނިޔާގެ ސަބަބުން ޔޫރޯގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާއިރު، އޭނާގެ ބަދަލުގައި ބެލްޖިއަމްގެ ކެޕްޓަންކަމާ ހަވާލުވާންހުރި ހަޒާޑް ބުނީ، ކާމިޔާބު ނޫން ސީޒަނެއް ޗެލްސީ ނިންމާލި ދުވަސްކޮޅަކާ ދިމާކޮށް އެ ކްލަބް ދޫކޮށްލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

"އަހަންނަށް ޔަގީންވާ ކަމަކީ، އެގޮތަށް ކްލަބް ދޫކޮށްލަން ނިންމުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެއްކަން، މިފަދަ ގޯސް ސީޒަނަކަށްފަހު،" އޭނާ ބުންޏެވެ.

"އަހަރެން ޗެލްސީ ދޫކޮށްލަން ބޭނުންވަނީ ކާމިޔާބާ އެކު، އެހެންކަމުން އަހަރެން ބުނަން ޖެހޭނީ ގާތްގަނޑަކަށް 100 ޕަސެންޓް ޔަގީނޭ [ކްލަބްގައި މަޑުކުރުން]."