28 May 2016, 13:08
ފިލްމީ ތަރި ސުނީތާ އަލީ (ސުނީ) މިވަނީ އޭނާގެ 37 ވަނަ އުފަންދުވަހާ ދިމާކޮށް އޭނާގެ އަޑުން ކިޔައިފައިވާ ލަވައެއް ރިލީޒްކޮށްފަ އެވެ.
"ސުނީތާ އޯ މައި ޑާލިން" ގެ ނަމުގައި ސުނީ އިއްޔެ ޔޫޓިއުބުގައި ރިލީޒްކުރި ލަވަ، ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. ޔޫޓިއުބުގައި އެ ލަވައަށް އައިސްފައި ހުރި ކޮމެންޓުތަކުން އެކަން އެނގެ އެވެ.
ގިނަ ބަޔަކު ސުނީތާގެ "ނިއު ލުކް" އަދި އޭނާގެ ލަވަ ކިޔުމަށް ވަނީ ތައުރީފުކޮށްފަ އެވެ. އެގޮތުންވެސް ވަރަށް ހާއްސަ ފަރާތަކުން މިވަނީ ސުނީ އަށް ތައުރީފުކޮށް ހިތްވަރު ދީފަ އެވެ.
ސުނީ އަކީ ބޮލީވުޑް އަދި ހޮލީވުޑުގެ ތަރި ޕްރިޔަންކާ ޗޯޕްޅާގެ އެެންމެ ވަރުގަދަ ސަޕޯޓަރު ކަމުގައި ބުނުމަކީ ހަމަ ގައިމުވެސް ދޮގަކަށް ނުވާނެ އެވެ. ޕްރިޔަންކާ އަޅާ ހެދުންތައް ސުނީ ލައިގެން ހުއްޓާ ފެނެ އެވެ.
ނަމަވެސް މިހާރު ޕްރިޔަންކާ އަކީ ސުނީގެ ފޭން އަކަށް މިވަނީ ވެފަ އެވެ. ހަމަ އެކަނި ފޭނެއްވެސް ނޫނެވެ. ޕްރިޔަންކާ ބުނަނީ ސުނީތާ އަކީ އޭނާގެ "ރޮކްސްޓާ" އެއް ކަމަށެވެ.
ޕްރިޔަންކާ އެހެން ބުނެފައި ވަނީ ސުނީތާގެ އުފަންދުވަހުގެ މުނާސަބަތުގައި ނެރުނު ލަވަ ބެލުމަށްފަހު ކުރި ޓުވީޓެއްގަ އެވެ.
ސުނީތާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން، އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ބުނެފައި ވަނީ ސުނީތާ އަކީ މިހާރު އޭނާގެ ރޮކް ސްޓާރުންގެ ތެރެއިން އެކަކު ކަމަށެވެ. އަދި ސުނީތާއަށް ލަވަ ކިޔުމުގެ ދާއިރާއިން ކުރިއެރުން ލިބުމަށްވެސް އެދިފައިވެ އެވެ.
Happy Bday@sunee7777here's a special bday gift: U are now officially 1 of my rockstars! Good luck with ur music!https://t.co/sfRf8u6RCH
— PRIYANKA (@priyankachopra)May 28, 2016
ޕްރިޔަންކާގެ ޓުވީޓާ އެކު ސުނީ ހުރީ އުފަލުން ފޮޅިފަ އެވެ. އޭނާ ބުނީ މިއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި އުފަންދުވަސް ކަމަށާއި، ޕްރިޔަންކާގެ ރޮކްސްޓާއެއްގެ ގޮތުގައި ސުނީ ހިމަނާފައި ވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޕްރިޔަންކާގެ އުފަންދުވަހުގެ ހަދިޔާގެ އިތުރުން، މިއަދަކީ ޕްރިޔަންކާގެ މާމަގެ އުފަންދުވަސް ކަމުގައި ވާތީ، ސުނީއަށް ވަނީ އިތުރު އުފާވެރިކަމެއް ވެސް ލިބިފަ އެވެ.
ކޮންމެ އަކަސް ސުނީ އަށް މިއަދަކީ އޭނާގެ އެންމެ އުފާވެރި އުފަންދުވަހަށް ވާނެ ކަމާމެދު ދެން ޝައްކު ކުރެވޭކަށް ނެތެވެ.
އުފަންދުވަހާ ގުޅިގެން ސުނީ އަމިއްލަ އަޑުން ލަވައެއް ކިޔައި ރިލީޒް ކުރި އިރު، ޕްރިޔަންކާ ވެސް ވަނީ އޭނާގެ ލަވަ އަލްބަމެއް ނެރެފަ އެވެ.