28 May 2016, 13:59
އިންޑިއާ ކަނޑުގައި ކަޅުބިލަމަހުގެ (ސްކިޕްޖެކް ޓޫނާ) މަސްވެރިކަން ކުރާ މިންވަރު ކޮންޓްރޯލު ކުރުމާ ބެހޭ ގަވައިދެއް ތަންފީޒު ކުރުމަށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ މެމްބަރު ގައުމުތަކުން އެއްބަސްވެއްޖެ އެވެ.
ރިޔޫނިއަން އައިލެންޑްސްގައި ކުރިޔަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ އަހަރީ ބައްދަލުވުމުގައި، އިންޑިއާ ކަނޑުގައި ދެމެހެއްޓެނެވި ގޮތުގައި މަސްވެރިކަން ކުރުމާ ބެހޭގޮތުން ގަވައިދެއް އެކުލަވާލުމަށް ހުށަހެޅުނެވެ. މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ދިވެހިރާއްޖެ، ކެންޔާ އަދި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފެޑެރޭޝަނެވެ.
އެ ނިންމުމުގެ ސަބަބުން ކަޅުބިލަމަހުގެ މަސްވެރިކަން ކުރުމާއި، ރައްކާކުރުމަށްވެސް ފާހަގަކޮށްލެވޭ ފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، އެއީ އިންޑިއާ ކަނޑުގައި ކަޅުބިލަމަހުގެ މަސްވެރިކަން ކުރުން ކޮންޓްރޯލް ކުރުމަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް މެރިން ސްޓްވާޑްޝިޕް ކައުންސިލުންވެސް ވަނީ ބުނެފަ އެވެ.
އެ ކައުންސިލުން ވަނީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ރާއްޖެ އިސްވެ ކުރި މަސައްކަތްތައް ފާހަގަކޮށްފަ އެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ މެމްބަރު ގައުމުތަކުން ނިންމި ނިންމުމަށް ރާއްޖޭގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.