28 May 2016, 12:05
ޖަނބުރޯލަކީ ޒަމާނުއްސުރެ ދިވެހުންގެ މެދުގައި މަޝްހޫރު މޭވާއެކެވެ. އަދި އޭގެ މޫސުމުގައި ފަސޭހަކަމާ އެކު އަގު ހެޔޮކޮށް ލިބޭ މޭވާއެއްވެސްމެ އެވެ. ވީމާ ޖަނބުރޯލު ކެއުމުން ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ކާނާ ހަޖަމް ކުރަން ފަސޭހަވުން
ޖަނބުރޯލަކީ ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ މޭވާއެކެވެ. ފައިބާއަކީ ގޮހޮރުގެ ތެރެއިން ކާނާ ފަސޭހަކަމާ އެކު ދަތުރު ކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމުން ޖަނބުރޯލު ކެއުމުން ހަޖަމުގެ ނިޒާމް ހަރުދަނާވެ އެވެ.
ހަކުރު ބަލި ކޮންޓްރޯލު ކުރެވުން
ޖަނބުރޯލުގައި ހިމެނޭ ޖަމްބޯސައިން މާއްދާއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށްދޭ މާއްދާއެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ދައްކާފަ އެވެ. އަދި ދިރާސާތަކުން އެކަން ޔަގީން ކުރެވިއްޖެ ނަމަ، ޖަނބުރޯލު ވެގެން ދާނީ ހަކުރު ބަލި ހުންނަ ފަރާތްތަކަށާއި ހަކުރު ބަލި ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ވަރަށް މުހިއްމު މޭވާއަކަށެވެ.
ހަންގަނޑުގެ ފަރުވާ
މާބޮޑަށް ފިކުރު ބޮޑުވުމުގެ ސަބަބުންނާއި، ޖައްވު ތަޣައްޔަރު ކުރާ މާއްދާތަކުގެ ސަބަބުން ހަންގަނޑު ހިކުމަށާއި ރޫޖެހުމަށް މެދުވެރިވެ އެވެ. ޖަނބުރޯލުގައި ހިމެނޭ ވިޓަމިން އޭ އާއި ސީ އިން ހަންގަނޑަށް ލިބޭ އެފަދަ ގެއްލުންތަކުން ސަލާމަތްކޮށްދެ އެވެ.
ދިފާއީ ނިޒާމް ވަރުގަދަ ކުރުން
މިއީވެސް ޖަނބުރޯލުގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ވިޓަމިން އޭ އިން ލިބޭ ފައިދާއެކެވެ. ސަބަބަކީ ވިޓަމިން އޭ އަކީ ހަށިގަނޑުގެ ދިފާއީ ސެލްތައް ކަމަށްވާ ވައިޓް ބްލަޑް ސެލްތަކުގެ މަސައްކަތް ރަނގަޅުކޮށްދޭ މާއްދާއެއް ކަަމަށް ދިރާސާތަކުން ދައްކާފައިވާތީ އެވެ. މީގެ އިތުރުން، ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްވެސް މުހިއްމު މާއްދާއެކެވެ.