ޕައިރޭޓްސް އޮފް ދަ ކެރީބިއަންގެ ތަރި، ޖޮނީ ޑެޕް، ކައިރިން ވަރިވާން ބޭނުންވެގެން އޭނާގެ އަންހެނުން އެމްބާ ހާޑު ކޯޓަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. ވަރިވާން ބޭނުންވާ ސަބަބެއް ކަމުގައި އެމްބާ ބުނެފައި ވަނީ ދެމީހުންގެ ދޭތެރޭގައި ހުރި ހައްލު ނުކުރެވޭ ފަދަ ހިޔާލުތަފާތުވުންތަކެވެ.

ނަމަވެސް ކޯޓުގައި މައްސަލަ ކުރިއަށް ދާން ފެށުމުން އިތުރު ވާހަކަތަކެއް މިވަނީ ފެންމަތިވެފަ އެވެ.

އެގޮތުން އިއްޔެ ކުރިއަށް ދިޔަ އަޑުއެހުންތަކުގައި އެމްބާ ވަނީ ޖޮނީ ޑެޕް އޭނާ އަށް އަނިޔާ ކުރާ ކަމަށް ބުނެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުމެއްގައި، ޑެޕް އޭނާގެ ފޯނުން އެމްބާގެ މޫނުމަތީގައި ޖެހި ކަމަށް ބުނެ، އެކަން ސާބިތު ކުރަން ފޮޓޯތަކެއް ވެސް ކޯޓަށް ހުށަހަޅައިފަ އެވެ.

އެމްބާ ހުށަހެޅި ފޮޓޯތަކުން، އޭނާގެ ކޯ މަތިން ޒަހަމެއް ފެންނަން ހުރެ އެވެ. އަދި ހުކުރު ދުވަހު އެމްބާ ކޯޓަށް ދިޔަ އިރު ވެސް އޭނާގެ މޫނުމަތީގައި ލަކުނު ހުއްޓެވެ.

އެމްބާ ބުނީ ހޮނިހިރު ދުވަހު ޑެޕް ގެއަށް އައި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެމްބާގެ އިސްތަށިގަނޑުގައި ހިފައި އަނިޔާ ކުރި ކަމަށެވެ.

"އަހަރެން އިންނަނީ ޖޯނީ ގެއަށް އައިސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަންނަށް ގެއްލުމެއް ދީފާނެތީ ބިރުން،" އެމްބާ ބުނެފައިވެ އެވެ.

ކޯޓުގައި އެމްބާ ދެއްކި ވާހަކަތަކުން، ޑެޕް އޭނާ އަށް އަނިޔާ ކޮށްފައި ވަނީ އެންމެ ފަހަރަކު ނޫން ކަމަށާއި އެއީ ދެމީހުން ގުޅުނު ފަހުން ހިނގާ ކަމެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ޖޮނީ ޑެޕް އަދި އެމްބާ ހާރޑް: ޖޮނީ ކައިރިން ވަރިވާން އެމްބާ ވަނީ ކޯޓަށް ހުށަހަޅާފައި ---

އެމްބާގެ ވާހަކަތަކާއި އޭނާގެ ފަރާތުން ހުށަހެޅި ހެކިތަކަށް ފަހު ކޯޓުން ވަނީ، އެމްބާ އާއި ދުރުގައި ހުރުމަށް ޑެޕް އަށް އަމުރުކޮށްފަ އެވެ.

އެމްބާ ވަނީ ވަރިއަށް ފަހު ޖޮނީ ޑެޕްގެ ފަރާތުން މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖޮނީ ޑެޕް ވަނީ، އެމްބާ އަށް އެފަދަ އެހީތެރިކަމެއް ބޭނުން ނުވާނެ ކަމަށް ބުނެފަ އެވެ.

ދެމީހުން ކައިވެނިކޮށްފައި ވަނީ 15 މަސް ކުރިންނެވެ. އެ ކައިވެންޏަށް އަދި ކުއްޖަކު ލިބިފައެއް ނުވެ އެވެ.

އުމުރުން 52 އަހަރުގެ ޖޮނީ ޑެޕް އާއި 30 އަހަރުގެ އެމްބާ ބައްދަލުވީ 2011 ވަނަ އަހަރުގެ ރިލީޒް ކުރި "ދަ ރަމް ޑައިރީ"ގެ މަސައްކަތުގެ ތެރެއިންނެވެ.