ރިޔާދް (މޭ 28): އީރާނު ރައްޔިތުން ހައްޖު ކުރުމަށް ސައުދީ އަރަބިއާ އަށް ދާނެ އިންތިޒާމު ހަމަޖެއްސެމާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކުން ފުރިހަމަ އެއްބަސްވުމަކަށް ނާދެވި ނިންމާލަން ޖެހިއްޖެ ކަމަށް ސައުދީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ސައުދީ އޮފިޝަލުން ވިދާޅުވި ގޮތުގައި ދެ ދުވަހުގެ މަޝްވަރާ ކުރުންތަކަށް ފަހު، ސައުދީން އެ މައްސަލައަށް "ގިނަ ހައްލުތަކެއް" ހުށަހެޅި ނަމަވެސް، އީރާނުގެ ޑެލިގޭޝަނުން ވަނީ އެގައުމުގެ ރައްޔިތުން ހައްޖަށް ދިޔުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން "އެއްބަސްވުމެއްގައި ސޮއި ނުކޮށް އަނބުރާ ގައުމަށް ދިޔުމަށް އެދިފަ" އެވެ.

"މިއަހަރު އީރާނުގެ ރައްޔިތުންނަށް ހައްޖު އަދާ ނުކުރެވުމުގެ ޒިންމާ ނަގަން ޖެހޭނީ އީރާނުގެ ސަރުކާރުން،" ސައުދީ އަރަބިއާގެ ހައްޖާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އިއްޔެ ނިންމާލި މަޝްވަރާތަކުގައި ދެގައުމުން އެއްބަސްވުމަކަށް އާދެވިފައިވާ ކަންތައްތަކުގެ ތެރޭގައި، އީރާނުގެ ރައްޔިތުން އިލެކްޓްރޯނިކް ވިސާ ބޭނުން ކުރުމަަށް ހުއްދަ ދިނުން ހިމެނެ އެވެ.

ނަމަވެސް، އީރާނުން ވަނީ ސައުދީން ބޭނުން ވަނީ ތިން ވަނަ ގައުމެއް މެދުވެރިކޮށް އީރާނުގެ ރައްޔިތުންގެ ވިސާ ހައްދަން ކަމަށް ބުނެފަ އެވެ. އަދި އީރާނުގެ އެއާލައިނަކުން ސައުދީ އަށް ހައްޖުވެރިން ގެންދިޔުމަށް ހުއްދަ ދިނުމަށް ސައުދީން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ބުނެފަ އެވެ.

ސައުދީއާ އީރާނާ ދެމެދު އެމައްސަލަ ފެށިފައި ވަނީ ސައުދީން އީރާނުގެ ޝީޢީ އިސް ލީޑަރެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން، އެކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން އީރާނުގެ ރައްޔިތުން އެގައުމުގައި ހުރި ސައުދީ އެމްބަސީގައި ރޯކޮށްލުމުންނެވެ. އޭގެ ސަބަބުން ސައުދީން ވަނީ އީރާނާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލާފަ އެވެ.

އޭގެ ފަހުން ސައުދީން މަސައްކަތް ކުރަމުން ދަނީ އީރާނުގެ ރައްޔިތުންނަށް ހައްޖަށް ނުދެވޭ ގޮތް ހަދަން ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ. (އޭއެފްޕީ)