28 May 2016, 10:43
ހުޅުމާލެއިން ރޯހައުސްއެއް ވިއްކާނެ ކަމަށްބުނެ އޮޅުވާލައިގެން ފޯޖުކޮށްފައިވާ އެގްރީމެންޓެއް ދައްކައި މީހެއް އަތުން ފައިސާ އަތުލި ހ. މީނާޒް މުހައްމަދު ވަހީދު ދެއަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ 10 ބުރީގެ އިމާރާތަކަށް ބޭނުންވާ ފާނީޗަރު ކަސްޓަމުން ކްލިއަ ކުރުމައްކަމަށް ބުނެ މަކަރާ ހީލަތުން މީހެއްގެ އަތުން 30،000 ރުފިޔާ ނަގާފައިވާތީ އާއި ހަމަ އެމީހާއަށް ހުޅުމާލޭގެ އޭނާގެ ނަމުގައި އޮތް ރޯހައުސްއެއް ވިއްކާނެ ކަމަށްބުނެ 35،000 ރުފިޔާ އޮޅުވާލައިގެން ނަގާފަައިވާތީ އެވެ.
އެމައްސަލަ ބަލައި ކްރިމިނަލް ކޯޓުން މިދިއަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މުހައްމަދު ވަހީދު މަކަރާހީލަތުން ފައިސާ ނަގާފައިވާކަން ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާއިން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 10،000 ރުފިޔާއަށްވުރެ ގިނަ އަދަދަކުން މަކަރާ ހީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފަ އެވެ.
މުހައްމަދު ވަހީދު ދެއަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ކުރީގެ ގާނުނުލްއުގޫބާތުގެ 210 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ.