އެޕަލް އައިޕެޑް2 ޗައިނާގައި ނުކުންނަ ވަގުތު ގަތުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އެޕަލް ސްޓޯރްގެ ކައިރިއަށް އެއްވި މީހުން ގިނަ ވުމުގެ ސަބަބުން ހަމަނުޖެހުމަކަށް ބަދަލުވެ، ފިހާރައަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.

މަންޒަރުދުށް މީހަކާ ހަވަލާދީ ޑެއިލީ މެއިލް ބުނިގޮތުގައި އައިޕެޑްގަންނަން އެއްވި މީހުން ފިހާރައަށް އަވަހަށް ވަނުމަށް ކުރަމުން ދިޔަ މަސައްކަތް ހަމަނުޖެހުމަކަށް ބަދަލުވީ ކިއު ފަޅާލާފައި ވަންނަން މަސައްކަތްކުރި މީހަކު ދުރަށްލުމަށްޓަކައި ފިހާރައިގެ މުވައްޒަފުން އޭނާ ކޮއްޕާލުމުންނެވެ. އެ ހިސާބުން އެއްވެ ތިބި މީހުން ރުޅި ގަދަވެ، ފިހާރައިގެ ބިއްލޫރި ދޮރު ތަޅާ ފުނޑުފުނޑުކޮށްލީ އެވެ.

ބެއިޖިންގެ ސާންލިޓަން ޑިސްޓްރިކްޓްގައި ހުންނަ އެޕަލް ސްޓޯރުގައި ހިނގި މި ހާދިސާގައި އައިޕެޑް ގަންނަން ގޮސް ތިބި މީހުންގެ ތެރެއިން ފަސް މީހުންނަށް އަނިޔާވި އެވެ.

ހަމަނުޖެހުން ހިނގި ފިހާރައިގެ ފަރާތުން ވާހަކަދެއްކި ކެރޮލިން ވޫ ބުނީ މިދިޔަ ހޮނިހިރު ދުވަހު ފިހާރަދޮށަށް އެއްވި މީހުން ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންތައް ކުރުމުގެ ސަބަބުން ފިހާރައިގެ ވިޔަފާރި ހުއްޓާލައި އެތައް ގަޑި އިރަކަށް އެފިހާރާ ބަންދުކުރަން ޖެހުނުކަމަށެވެ.

ވޫ ބުނީ ފިހާރައިގެ މުވައްޒަފުން އެވަގުތު މަސައްކަތްކުރީ އެތެރޭގައި ތިބި ކަސްޓަމަރުންނާއި ފިހާރައިގެ މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށެވެ. ފިހާރައިގެ ދޮރު ލެއްޕީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.

" އަހަރެމެންގެ ކަސްޓަމަރުންނާއި އަހަރެމެންގެ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަމަކީ އަހަރެމެން އެންމެ އިސްކަންދޭ ކަންތައް." ހަމަނުޖެހުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވޫ ބުންޏެވެ.

ޗައިނާގައި އައިޕެޑް 2 ވިއްކަން ފެށީ މިދިޔަ ހުކުރުދުވަހު އެވެ. އައިޕެޑަށާއި އައިފޯނަށް ވެސް ޗައިނާގައި ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.