28 May 2016, 10:10
ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުގައި ވިދާލި ފަރުދީން ހާން އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ އަހަރު ނުކުތް ފިލްމު "ދުލްހާ މިލްގަޔޭ" އަށް ފަހު ފަރުދީން ބޮޑު ސްކްރީނުން ވަނީ ގެއްލިފަ އެވެ.
އެއަށް ފަހު ފަރުދީންގެ ވާހަކަތައް މިހާރު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަން މިވަނީ ފަށައިފަ އެވެ. އޭނާ ފިލްމެއްގެ މަސައްކަތް ކުރާތީއެއް ނޫނެވެ. އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލަކާ ގުޅިގެންނެވެ.
ކުރިން ވަރަށް ފިޓުކޮށް ފެނުނު ފަރުދީން މިހާރު ވަނީ ވަރަށް ބޮޑަށް ފަލަ ވެފަ އެވެ. ފަރުދީންގެ ފޮޓޯތަކެއް އާންމުވުމާ އެކު، ސޯޝަލް މީޑިއާ އަށް ހީވީ ބޮޑު އީދެއް އައި ހެންނެވެ. ފަރުދީންގެ ހަށިގަނޑަށް ހަޖޫ ޖަހައި، "ޓްރޯލް" ކުރަން ފެށި އެވެ.
ނަމަވެސް މީހަކު ކިޔާ އެއްޗަކުން ފަރުދީން އަކަށް ފަރުވާލެއް ނެތެވެ. ފަރުދީން ވަނީ އޭނާގެ ހަށިގަނޑަށް މަލާމާތް ކުރި އެންމެންނަށް ވަރުގަދަ ރައްދެއް ދީފަ އެވެ.
ފަރުދީން ބުނީ ފަލަވަގެން އޭނާ ލަދު ނުގަންނަ ކަމަށާއި މިހާރު ވޭތުކުރަމުން ދަނީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި ބަރުދަން އިތުރުވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
"ލަދެއް ނުގަނޭ. މީހަކަށް އަހަރެން ލަދުގަންނުވައެއް ނުވެސް ލެވޭނެ. އެއްޗެއް ކިޔަސް ހިތަކަށް އެއްޗެއް ނާރާ. ހިތާމައެއް ވެސް ނުކުރަން. އަހަރެން މި އުޅެނީ އުފަލުންތަ؟ ޝައްކެއްވެސް ނެތް. މި ވޭތުކުރަނީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް، އަހަރެންގެ ބަރުދަން އެކަމަށް ހެކިވާނެ،" ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ފަރުދީން ބުނެފައިވެ އެވެ.
އޭގެ އިތުރުން އޭނާ އަށް މަލާމާތް ކުރި މީހުންގެ ހަފްތާގެ މުނިފޫހިފިލުވައިދޭނެ ބައިވެރިޔަކަށް ވެވުނީތީ އުފާކުރާ ކަމަށް ވެސް ފަރުދީން ވަނީ ބުނެފަ އެވެ.

ފަރުދީން މީގެ ކުރިން: މިހާރު ވަނީ ވަރަށް ބޮޑަށް ފަލަވެފައި ---
"ހިތްފުރެންދެން މަޖާ ކޮށްލެވުނު ނަމަ ލޯގަނޑު ކުރިމައްޗަށް އަރައި އަމިއްލަ ސިފަ ބަލައިލާ. މީހުންނަށް މަލާމާތްކޮށް ނިކަމެތިކޮށްލުމަކީ އަމިއްލަ ނަފްސަށް އުފާވެރިކަން ލިބޭ ކަމެއް ނަމަ، މުސްތަގުބަލާ މެދު ވިސްނާލަން ޖެހޭ،" ފަރުދީން ބުނެފައިވެ އެވެ.
ފަރުދީން ވަނީ އޭނާގެ ސަޕޯޓަރުންނާއި، އޭނާ އަށް ތާއީދުކުރި މީހުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
ފަރުދީން ބޮލީވުޑަށް ތައާރަފުވީ 1998 ވަނަ އަހަރު ނުކުތް ފިލްމު، "ޕްރޭމް އަގަން" އިންނެވެ. އެ ފިލްމުން އޭނާ އަށް އެވޯޑުވެސް ލިބިގެން ދިޔަ އެވެ.
އޭގެ ފަހުން ކާމިޔާބު ފިލްމުތައް ކަމުގައިވާ "ހޭ ބޭބީ"، އަދި "ޖަންގަލް" ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ނަމަވެސް، ފަރުދީން އަށް މާ ބޮޑު ކާމިޔާބީތަކެއް ލިބިފައެއް ނުވެ އެވެ.
ދެހާސް ދިހަ ވަނަ އަހަރަށް ފަހު ފިލްމު ކުޅުން ހުއްޓާލައި މިހާރު އަންނަނީ އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.