28 May 2016, 10:56
މުއުމިނުންގެ ތެރެއިން އިހުލާސްތެރިންނަކީ އުއްމަތުގައި މަދު ބައެއް ކަމަށާއި އެމީހުން ތިބީ އެހެން މުއުމިނުންނަށް ވުރެ ނުރައްކާ ހާލަތުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހަށް އާއްމުން ތައްޔާރުކޮށް މައުލޫމާތު ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މުއުމިނުންނަކީ އަބަދުވެސް ހަނދާންކުރަން ޖެހޭ ބައެއް ކަމަށާއި އެކަމުގެ ފައިދާ ވެސް ކުރާނީ އެމީހުންނަށް ކަމަށެވެ.
"މުއުމިނުންނަކީ އަބަދު ވެސް ނުރައްކާ ހާލަތުގައި ތިބޭނެ ބައެއް. މުއުމިނުންގެ ތެރެއިން އިހުލާސްތެރިންނަކީ އަދި އެއަށް ވުރެ ނުރައްކާ ހާލަތުގައި ތިބޭނެ ބައެއް. އިހުލާސްތެރިންނަކީ އުއްމަތުގެ މަދުބައެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ކުޅުމާއި މަޖަލާއި ބޭކާރު ވާހަކަ ދެއްކުމުގެ ބަދަލުގައި ލިބިފައިވާ ވަގުތުކޮޅުގައި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަމިއްލަ ނަފްސަށް ފައިދާކުރުވަނިވި ކަމެއް ކުރުމަށް ވިސްނުން ބެހެއްޓުމަކީ މުއުމިނުންގެ ސިފައެއް ކަމަށް ވެސް މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.
"ރަމަޟާން މަހަށް ތައްޔާރުވުން"ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން ފެށި ވޯކްޝޮޕް ފައްޓަވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ އެޑްވައިޒަރު ފަޟީލަތުލް އުސްތާޒުއްޝައިޚު މުހައްމަދު ރަޝީދު އިބްރާހިމެވެ.
މުހައްމަދު ރަޝީދުގެ ވާހަކަފުޅުގައި ރަމަޟާން މަހުގެ މުހިއްމު ކަމާއި އެ މަސް މާތްވެގެންވާ ސަބަބުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕްގައި ރާއްޖޭގެ މަޝްހޫރު ހަތަރު އިލްމުވެރިއަކު ބައިވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އެ ބޭފުޅުންނަކީ އަހުމަދު ސަމީރު ބިން އިބްރާހީމާއި އަލީ ޒާހިރު ބިން ސައީދު ގާސިމާއި ޑރ. އަހުމަދު ޒާހިރު އަލީ އަދި އިބްރާހީމް އަހުމަދެވެ.
ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލި އެ ވޯކްޝޮޕްގައި 70 އަށް ވުރެ ގިނަ އާއްމުން ބައިވެރިވެ އެވެ.
ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވޯކްޝޮޕްގައި ރޯދައާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ދެއްވާނެ ކަމަށާއި ބައިވެރިންގެ ހިތުގައި އުފެދޭ ސުވާލުތަކަށާއި ބޭނުންވާ މައުލޫމާތުތަކެއް އިލްމުވެރިންގެ އަރިހުން ސާފުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.