28 May 2016, 08:42
ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ރާއްޖޭގައި ހިންގާ އޮޕަރޭޝަންތަކުން، އެބޭންކަށް މިދިޔަ އަހަރު ލިބުނު ފައިދާ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 52.55 ޕަސަންޓު ދަށްވެއްޖެ އެވެ.
އެ ބޭންކުން އާންމު ކޮށްފައިވާ، މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި، އެ ބޭންކަށް 2015 ވަނަ އަހަރު ނިމުނު އިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 296 މިލިޔަން ރުފިޔާ އެވެ. މިއީ 2014 ވަނަ އަހަރު އެސްބީއައިއަށް ރާއްޖެއިން ލިބުނު 623.9 މިލިޔަން ރުފިޔާއާ އަޅައިބަލާއިރު، 52.55 ޕަސަންޓު ދަށް އަދަދެކެވެ.
މިދިޔަ އަހަރު އެ ބޭންކަށް އިންޓެރެސްޓުގެ ޚަރަދު ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި ލިބިފައިވަނީ 369 މިލިޔަން ރުފިޔާ އެވެ. އެ އަދަދު، 2014 ވަނަ އަހަރު ހުރީ 449 މިލިޔަން ރުފިޔާގަ އެވެ.
ލޯނު ދޫކޮށްގެން އަނބުރާ ނުލިބޭނެ ފައިސާގެ ގޮތުގައި މިދިޔަ އަހަރުގެ މާލީ ހިސާބުތަކުގައި އެސްބީއައިއިން ހިމަނާފައި ވަނީ 127 މިލިޔަން ރުފިޔާ އެވެ. އޭގެ އިތުރުން، މިދިޔަ އަހަރު އެ ބޭންކު ހިންގުމުގެ ޚަރަދު ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު އިތުރުވެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެސްބީއައިގެ ހިންގުމަށް 70.3 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު، އޭގެ ކުރީ އަހަރު ޚަރަދު ވީ 60.8 މިލިޔަން ރުފިޔާ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާއަކީ ރާއްޖޭގެ އެންމެ ދޮށީ ބޭންކެވެ. ނަވާރަސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރުގެ ފެބްރުއަރީ މަހު މާލޭގައި ހުޅުވި އެސްބީއައިގެ ބްރާންޗާ އެކު، 1982 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެދެން ދެން، ދިވެހި ސަރުކާރުގެ ހުރިހާ ބޭންކިންގ ހަރަކާތްތައް ހެންޑްލް ކޮށްދިނީ އެސްބީއައިއިންނެވެ.
އެސްބީއައި ރާއްޖޭގައި އޮޕަރޭޓު ކުރާތާ 42 އަހަރު ވެފައިވާ އިރު، އެ ބޭންކުން ރާއްޖޭގައި ތިން ބްރާންޗެއް އޮޕަރޭޓު ކުރެ އެވެ. އެއީ މާލެ، އދ. މާމިގިލި އަދި އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.